މަޖިލީހުގެ ޖަލްސާއެއްގައި އަޒާން
މަޖިލީހުގެ ޖަލްސާއެއްގައި އަޒާން
ރާއްޖޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަކީ ފާއިތުވި ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފައިސާ ޗާޕު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަޒާންގެ ވާހަކައިގައި ފައިސާ ޗާޕު ކުރުމަކީ ކޮބައިކަން ހާމަކުރައްވަމުން ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ ހަމައެކަނި ފިޒިކަލީ ބޭރުން ފައިސާތަކެއް ޕްރިންޓު ކޮށްގެން ގެނައުމަށް ކިޔާ ނަމެއް ނޫން ކަމަށެވެ. މިއީ ސެންޓްރަލް ބެންކެއްގައި އިގްތިސާދަށް ނުނެރެ ހުންނަ ފައިސާ އެއްވެސް ގޮތަކަށް އިގްތިސާދަށް ނެރުމަށް ކިޔާ އުޅޭ ނަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

"އިގްތިސާދީ އަދި މާލީ ގޮތުން ވާހަކަ ދައްކާއިރު ފިޒިކަލީ ކޭޝް އިތުރު ކުރުމުގެ އިތުރަށް އިލެކްޓްރޯނިކަލީ ކޭޝް އިތުރު ކުރުމަކީވެސް ހަމަ ފައިސާ ޗާޕް ކުރުން." އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ ކޮންމެ ގޮތަކަށް މިކަން ކުރި ކަމުގައި ވީނަމަވެސް މިކަމުން ނުމުންނާނީ އެއް ނަތީޖާއެއް ކަމަށެވެ. އެގޮތުން ފައިސާ ޗާޕުކުރުމުގެ ސަބަބުން އިންފްލޭޝަން އިތުރުވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ފައިސާ ޗާޕު ކުރުމުން ބާޒާރުގައި ހުރި ޑޮލަރުގެ ފަހަތުން ފައިސާ ދުވަން ފަށާނެ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ފައިސާގެ އަގު ދަށަށް ދާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ހަމަ އެހެންމެ ކަޅު ބާޒާރު އިތުރަށް މައްޗަށް ގޮސް، ޑޮލަރު ގަންނަން ލިބޭ އަގު މަތިވެގެން ދާނެ ކަމަށްވެސް އަޒާން ފާހަގަ ކުރެއްވިއެވެ.

އަޒާން ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ފައިސާ ޗާޕު ކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމަށް ބައިނަލްއަގްވާމީ އިދާރާތަކުން މަރުހަބާ ކިޔާފައިވާ ކަމަށާއި، އަދި ފަހުންވެސް ފައިސާ ޗާޕު ނުކުރަން ލަފާ ދީފައިވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ގައުމަށް އިގްތިސާދީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަކީ ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިމާވި މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ފައިސާ ޗާޕު ނުކޮށް މިހާރު މި އޮތް ޕޮލިސީ ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަޒާން ވިދާޅުވިއެވެ.

މީގެ އިތުރުން އަޒާން ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބެލެވިދާނެ ބައެއް ނަޒަރިއްޔާތައްވެސް ވާކަމަށެވެ. އެގޮތުން މޮޑާން މަނިޓަރީ ތިއަރީ ކިޔާ ޕޮލިސީއެއްގެ ދަށުން ފައިސާ ޗާޕު ކޮށް ގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެހެންނަމަވެސް ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް މި ޕޮލިސީ މަސައްކަތް ނުކުރާނެ ކަމަށް އަޒާން ވަނީ ފާހަގަ ކުރައްވާފައެވެ.

އަޒާން މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން