ދަރިވަރުން ސްކޫލު އެސެމްބްލީގައި
ދަރިވަރުން ސްކޫލު އެސެމްބްލީގައި
މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރެވޭނީ ފަށާ ތައުލީމުގެ ފެންވަރު ރަނގަޅު ވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަކީ ގައުމު ބިނާ ކުރުމުގައާއި ކިޔަވައިގެން ތިބި ރައްޔިތުންތަކެއް ބިނާކުރުމަށް މުހިންމު ދާއިރާއެއް ކަމަށެވެ. އެހެންވެ ތައުލީމީ ދާއިރާއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގްރޭޑް 1 އިން ފެށިގެން 7 އާއި ހަމައަށް ފަށާ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ދިވެހި އިނގިރޭސި އަދި ހިސާބު މާއްދާތަކުން ފާސްވާ ދަރިވަރުންގެ އަދަދު ދަށްކަން ފާއިތުވެދިޔަ އަހަރުތަކުގައި ފާހަގަކުރެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންވެ މިކަން ހައްލު ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން ހައްލުކުރެވޭނީ ޓީޗަރުންގެ ފެންވަރު ރަނގަޅުކޮށް ކުދިންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކުރައްވާ މަސައްކަތްތަކުގެ ނަތީޖާ ކޮންމެ އަހަރަކުވެސް ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން