ރޯވި ބޯޓުން ގެއްލުނު މުޝްފިގު--
ރޯވި ބޯޓުން ގެއްލުނު މުޝްފިގު--
"ހޮޅުދޫ ބޯޓު" ރޯވި ހާދިސާގައި ގެއްލުނު ލ. މާވަށު، އަލީ މުޝްފިގު މުހައްމަދު (25އ.) ގެ މައްޗަށް މިއަދު ޣައިބުގައި ކަށުނަމާދު ކުރަން ހަމަޖެއްސި ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލަފަޔާއެކު ކަށުނަމާދެއް މިއަދު ނުކުރެ އެވެ.

މިއަދު ހުކުރު ނަމާދަށް ފަހު މުޝްފިގުގެ މައްޗަށް ކަށު ނަމާދުކުރަން ނިންމިކަން އިއްޔެ މާވަށު ކައުންސިލުން ކުރި އިއުލާނާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ އެފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ޖެހޭނީ ގާޒީއަށް ކަމަށެވެ. އަދި ކަން ހިނގައި ދިޔަގޮތް ބަލައި، އޭނާ މަރުވެއްޖެކަން ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ މުޝްފިގުގެ މައްޗަށް މިއަދު ކަށުނަމާދު ނުކުރާ ކަމަށާއި އަދި އެ މައްސަލައިގައި މުސްފިގުގެ އާއިލާއާވެސް ވާހަކަ ދެއްކެވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރުގައި އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަން އިންތިޒާމުތައް ހަމަޖެއްސޭތޯ މަސައްކަތްކުރާނެ ކަމަށެވެ.

"މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެކެވެ. އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެކެވެ. އޭނާ ގެއްލުނު ހާދިސާއަކީ އެ އާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެކެވެ. މާތް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެން ވެއެވެ." މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން