އެމިރެޓްސްގެ ފްލައިޓެއް، ފޮޓޯ: ޑައިނެމިކް މީޑިއާ
އެމިރެޓްސްގެ ފްލައިޓެއް، ފޮޓޯ: ޑައިނެމިކް މީޑިއާ
އެއާލައިނުތަކުން ލިބެން ހުންނަ ކާނާގެ ބާވަތްތަކުގެ ރަހަ ނުބައިވުމަކީ ޒަމާނުއްސުރެ ދިމާވަމުން އައިސްފައިވާ މައްސަލައެކެވެ. މިކަމާ ގުޅޭގޮތުން އެތައް ބަޔަކު ޝަކުވާ ކުރެއެވެ. އެހެންވެ، އެންމެ މީރު ކާނާ ލިބޭ އެއާލައިނު ބެލުމަށްޓަކައި ދާދި ފަހުން ޔޫގޮވް ސާވޭއިން ވަނީ ދިރާސާއެއް ހަދާފައެވެ.

އެ ދިރާސާ ހަދާފައިވަނީ އިނގިރޭސިވިލާތުގެ މީހުންގެ މެދުގައި އެންމެ މަޝްހޫރު އެއާލައިނުތަކުން ދަތުރުކުރި 1495 މީހެއްގެ މެދުގައެވެ. މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ދުނިޔޭގެ ނަން މަޝްހޫރު އެއާލައިނުތަކުގެ ތެރެއިން އެންމެ މީރު ކާނާ އާއި ބުއިންތައް ލިބެން ހުންނަނީ އެމިރެޓްސް އިންނެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން 84 އިންސައްތަ މީހުން ވަނީ މިކަމަށް އެއްބަސްވެފައެވެ.

ދެވަނައިގައި ވަނީ ގަތަރު އެއާވޭސް އެވެ. މި އެއާލައިނުން އާންމު ގޮތެއްގައި ދަތުރު ކުރާ މީހުންގެ ތެރެއިން 82 އިންސައްތަ މީހުން ބުނެފައިވަނީ މި އެއާލައިނުން ރަހަ މީރު ކާނާ ލިބޭ ކަމަށެވެ. އަދި ލުއިކާނާގެ ގޮތުގައިވެސް ވަރަށް މީރު އެއްޗެހި ލިބޭ ކަމަށް ބުނެފައި ވެއެވެ.

މި ދިރާސާގައި 3 ވަނަ އަށް ގޮސްފައިވަނީ ވާރޖިން އެޓްލާންޓިކެވެ. ދިރާސާގެ 74 އިންސައްތަ ބައިވެރިން ވަނީ މި އެއާލައިނުގެ ކާނާ މީރު ކަމަށް ބުނެފައެވެ. އަދި 4 ވަނައިގައި ވަނީ ބްރިޓިޝް އެއާވޭސް އެވެ. 63 އިންސައްތަ މީހުން ވަނީ މި އެއާލައިނުގެ ކާނާ މީރު ކަމަށް ބުނެފައެވެ.

އެކި ގައުމުތަކަށް ދަތުރުކުރާއިރު ބައެއް ފަހަރު ވަރަށް ގިނައިރުތަކެއް ވަންދެން ދަތުރުމަތީގައި ހޭދަކުރަންޖެހެއެވެ. މިހެން ތިބޭ ތިބުމުގައި ގިނަ މީހުން އެންމެ އިންތިޒާރު ކުރާ އެއް ކަމަކީ ފްލައިޓުން ލިބޭ ކާނާ އަށެވެ. ބޮޑު އަގުދީ ކާން ބޭނުން އެއްޗެހި ފްލައިޓު ބުކް ކުރާއިރު ހިޔާރު ކުރަނީ އެ މީރު ވާނެ ކަމަށް އުންމީދު ކޮށްގެންނެވެ. އެހެންނަމަވެސް، ބައެއް ފަހަރު ފްލައިޓުތަކުން ދޭ އެއްޗެހި އަނގަޔަށް ނުލެވޭހާ ނުބައެވެ. މިއީ ވަރަށް ގިނަ ދިވެހިންވެސް ތަހައްމަލު ކޮށްފައިވާ ކަމެއް ކަން ހަމަ ޔަގީނެވެ.

މަތީގައިވާ އެއާލައިނުތަކުގެ ތެރެއިން އެމިރެޓްސް، ގަތަރު އަދި ބްރިޓިޝް އެއާވޭސް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއާލައިނުތަކެއްކަން ފާހަގަ ކުރެވެއެވެ. ވީމާ ދެންފަހަރަކު ބޭރު ގައުމަކަށް ދަތުރު ކުރާއިރު، ފްލައިޓުން ރަނގަޅު ކާނާ ކާން ބޭނުންވާނަމަ މިއިން ކޮންމެވެސް އެއް އެއާލައިނެއް ހިޔާރު ކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން