ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ 59 އަހަރުގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަށްވައިފިއެވެ.

މީސް މީޑިއާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވަނީ އެމްއޭސީއެލްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވައި، އުފާވެރި އަހަރީ ދުވަހަކަށް އެދިވަޑައިގެންފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު އެމްއޭސީއެލްގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު އެއަރޕޯޓްގައި ވަނީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތީ އެއާޕޯޓުން ދޭ ހިދުމަތްތައް ފުޅާވާނެ އަހަރެއް ކަމަށެވެ. އަދި އެއާޕޯޓުގެ ހިދުމަތްތައް ފޯރުކޮށްދީ ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބި ބަޔަކީ މުވައްޒަފުންކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު އެމްއޭސީއެލްގެ އަހަރީ ދުވަހާ ގުޅިގެން ވީއައިއޭ އިން މިއަދު ވަނީ އެކުވެރިކަމުގެ ހިނގާލުމެއް އެއާޕޯޓްގައި ބާއްވައިފައެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އެއަރޕޯޓްގެ އާޓާމިނަލް މިއަހަރު ހުޅުވުމަށެވެ. އެކަމަށް ޓަކައި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން މިދިޔަ ޑިސެމްބަރު މަހު 40 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައިވެއެވެ.

72000 އަކަފޫޓްގެ ވީއައިއޭގެ އާ ޓާމިނަލް ތަރައްގީކުރަނީ އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެއީ ދުވާލަކު 8000 ފަސެންޖަރުންގެ ނިސްބަތުން ނެވެ.

އާ ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ވެސް ހިމެނޭ އިރު ސެލްފް ސާވިސް ޗެކިން ހިދުމަތް ވެސް ގާއިމު ކުރާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން