މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ރާއްޖޭގެ ތާރީހުގައިވެސް ނުލިބޭ ވަރުގެ ބޮޑު އަދަދެއް ދައުލަތަށް ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 23.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 47.6 އިންސައްތައިގެ ކުރިއެރުމެކެވެ.

އެ އިދާރާއިން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 101.9 މިލިއަން ރުފިޔާއަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު އަދަދެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 90.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިދިޔަ މާރިޗު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 23.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 66.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ މުދަލު ޒަކާތް ވާޖިބުވާ ނިސާބު 8,800.05 ރުފިޔާއަށް ކަނޑައަޅާފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަނޑައެޅި 9,240.35 ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.

ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. އަދި ރިހީގެ އަގު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިންނެވެ. ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު އަހަރުގެ އެކި ދުވަސްވަރު ތަފާތުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން