ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމަށް ރައްދުވާ ގޮތަށް ހައިކޯޓުގައި އެމްޓީސީސީން އިސްތިއުނާފް ކޮށްފައިވާ މައްސަލަ އެމްޓީސީސީން އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލައަކީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީން އެމްޓީސީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނެ އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

އެ މައްސަލައިގައި ސިވިލްކޯޓުން 2023 ވަނަ އަހަރުގެ ޖޫން މަހު ނިންމީ ރައީސް މައުމޫން އެކަމުގައި ޒިންމާ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެމްޓީސީސީން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފުގެ މައްސަލަ ކުރިއަށްދިޔައިރު ރައީސް މައުމޫންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ހައިކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދެވިދާނެކަމަށެވެ.

އެހެންކަމުން ހައިކޯޓުގެ ނިންމުން ރައީސް މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނިކޮށް، އެމްޓީސީސީން ވަނީ ހައިކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް ހުށައަޅާފައެވެ.

އެމްޓީސީސީގެ ހުށައެޅުމާ ގުޅިގެން ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން މިހާރުވަނީ މި މައްސަލަ ބާތިލުކޮށްފައެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާއިއެކު ރައީސް މައުމޫންގެ ސަޕޯޓަރުންނާއެކު އެމަނިކުފާނު އުފެއްދެވި ޕާޓީއެކެވެ. އޭރު އެންމެ ބޮޑު އެއް ޕާޓީގެ ގޮތުގައި ޑީއާރުޕީ އޮތްނަމަވެސް، 2008 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވުމާއިއެކު އެ ޕާޓީ ވަނީ ފަނޑުވެ ބައިބައިވެގެން ގޮސްފައެވެ.

އަދި 3000 މެންބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޑީއާރުޕީ އުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން