ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޓިކްޓޮކްގެ އިސް ވަފްދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ރައީސް އޮފީހުން ބުނީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ޓިކްޓޮކްގެ ވަފްދާ ރައީސް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ރާއްޖެއާއެކު މަސައްކަތް ކުރެވޭނެ އެކި ދާއިރާތަކާ މެދު މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ރައީސް ވަނީ އެމަނިކުފާނުގެ އެ އަމާޒަށް ވާސިލްވުމަށް ރާވާފައިވާ ކަންތައްތައް ވެސް ހިއްސާކުރައްވާފައެވެ. ޓިކްޓޮކްގެ ވަފްދުން ބުނީ، އެ އަމާޒަށް ވާސިލުވުމަށް އެ ކުންފުންނިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ވަނީ މުސްތަގްބަލާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްްމަދު ސައީދު މީގެ ކުރިން ވަނީ ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ ޓިކްޓޮކްގެ ވަފްދު ވަނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން