ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު
ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު
އިންޑިއާއިން ކޮންޓްރޯލްކުރާ ޖައްމޫ އެންޑް ކަޝްމީރުގައި ފަތުރުވެރިންތަކަކަށް ދިން ހަމަލާގެ އަޑުއިވިވަޑައިގަތުމުން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ ކަޝްމީރުގެ ޕަހަލްގަމް ރިސޯޓުގައި ބަޑިން ދިން އެ ހަމަލާގައި 25 ފަތުރުވެރިން ވަނީ މަރުވެފަ އެެވެ.

އެ ހަމަލާއާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ކުށެއް ނެތް އެތައް ބަޔަކު މަރާލައި ޒަހަމްކޮށްލި އެ ބިރުވެރި ހަމަލާގެ ވާހަކަ އިވިވަޑައިގެންނެވުމުން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމާ މެދު ހިތާމަކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރުމުގައި ސާބިތުކަމާއެކު ރާއްޖެއިން ދެމި އޮންނާނެ ކަމަެވެ.

އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް މުއިއްޒު ތިއުޒިޔާވެސް ވިދާޅުވި އެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނުނަގަ އެވެ.

އިންޑިއާގެ އިސްތިއުމާރުކަމުން ކަޝްމީރު ވަކިވުމަށް އެ ގައުމުގެ މީހުން 1989އިން ފެށިގެން ދަނީ މަަސައްކަތް ކުރަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން