މަރްޔަމް ނަހްދާ ވަޙީދު   23 އޭޕްރީލު 2025 - 17:37
ދަނގެތީގައި އައު އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން، ފޮޓޯ: ސްޓޭލްކޯ
ދަނގެތީގައި އައު އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން، ފޮޓޯ: ސްޓޭލްކޯ
ފަސް އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށްފަހު، އދ. ދަނގެތީގައި އައު އިންޖީނުގެއެއް އަޅަން އެއްބަސްވުމެއް ސަރުކާރުން އެކުލަވާލައިފިއެވެ.

ސްޓެލްކޯ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ވަނީ ދަނގެތީގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަސައްކަތް ސަރުކާރުން ހަވާލު ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. އަދި މަސައްކަތާއި ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީން އެވެ.

މި މަސައްކަތަށް 14،870،413 ރުފިޔާ ހޭދަވާނެކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. އަދި މި މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން އެ ރަށަށް އާ އިންޖީނުގެއެއް ބޭނުންވާ ކަމަށެވެ. އަދި އަލަށް އަޅާ އިންޖީނުގެ ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަހުމީގެ އިތުރުން ސްޓެލްކޯގެ އިސް ވެރިންނާއި، މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ ދަނގެއްޗަކީ ހާއްސަކޮށް ޓުއަރިޒަމަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިވަގުތުވެސް މިހާރުގެ އިންޖީނުގެ ހުރިތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ. އަދި މިއަދުގެ މި އެއްބަސްވުމާއި އެއްކޮށް، އެމީހުންނަށް އަލިމަގެއް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަނގެތީ ރައްޔިތުންނަށް މިކަންކަން އަވަސްކޮށްދިނުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ރަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ބިންދަތިކަން ހުރި ނަމަވެސް އައު އިންޖީނުގެ އެޅުމަށްޓަކައި ބިން ހަމަޖެއްސިކަމަށްޓަކައި ދަނގެތީގެ ކައުންސިލަށާއި، ކައުންސިލް ރައީސަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރަެްވާފައެވެ.



އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރިދުވަހެއް ކަމަށެވެ. އަދި މިކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރުގެ އިންޖީނުގެ ހުރިތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތް ކުރަން ނުފެށިފައި އެބަތިބި ކަމަށާއި، އެކަމުގެ ޝަކުވާބޮޑުކަން ފާހަގަ ކުރައްވަމުން މުއާވިޔަތު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި މިއާއެކީގައި ދަނގެތީގެ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކެއް ހާސިލްވެގެންދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ހައްލުހޯދުމަށްޓަކައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމަށް ހައްލު ހޯއްދަވައިދެއްވި ކަމަށްޓަކައި މުއާވިޔަތު ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އަށާއި، ރައީސް ޑރ، މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން