އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމާއި ގުޅޭގޮތުން ސަރުކާރާއި އެ ކުންފުންޏާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިހާރު ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް އާއި ޝަންގްރިލާގެ ވައިސް ޕްރެޒިޑެންޓް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމުއެލް ލިމް ޔޮންގް ޕެންގްއާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ. އަދި އައްޑޫ އަށް ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރުކޮށް ފަސޭހަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރެއްވި ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ތޯރިގް ވިދާޅުވީ، ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަކީ އައްޑޫގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ރިސޯޓް ހުޅުވުމާއެކު އައްޑޫއަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޝަންގްރިލާގެ ފަރާތުން ސެމުއެލް ލިމް ޔޮންގް ޕެންގް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ދާން ބޭނުންވަނީ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އައްޑޫއަށް ދަތުރުފަތުރު ފަސޭހަވެގެން ދިއުމަކީ މި މަޝްރޫއުގެ ކާމިޔާބަށް ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ވުޒާރާއީން ބުނީ ބައްދަލުވުމުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް އިތުރު ބައިނަލްއަގްވާމީ ފްލައިޓްތައް ގެނައުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެެއްވި ކަަަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން