ޅެން ބޭނުންކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިބަހާއި ތަރިކައާއި ސަގާފަތާ ބެހޭ ވުޒާރާއާ މަޝްވަރާ ކޮށްފިއެވެ.

ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުންނާއި ދިވެހިބަހާއި ތަރިކައާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އާއި އެ ވުޒާރާގެ އިސް ބައެއް ވެރިން މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.

ބަހާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާ އިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކިކަހަލަ ދިރާސާތައް ހެދުމުގައި ބަހާ ބެހޭ ވުޒާރާގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގައި ވެސް އެ ވުޒާރާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމަކީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން