އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ފައްޔާޒް ވަނީ މޭޑޭގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް އަރިސް ކުރަށްވާފައެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ މޭޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ކުރެވުނު ހިތްވަރުގަދަ މަސައްކަތްތައް ހަނދާންކުރުމަށް ލިބިފައިވާ ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތްތައް ކޮށްފައިވަނީ ނުރައްކާތެރި މާޙައުލެއްގައިކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

“ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތައް ހަނދާންކޮށް، އެ ހައްގުތައް ސަރުކާރު އިސްވެ ހަނިކުރަމުންދާ ދަނޑިވަޅެއްގައި، އެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ އަޒުމް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުސަތެއް.” ފައްޔާޒް ވިދާޅުވިއެވެ.

ހަމައެއާއެކު ފައްޔާޒް ވަނީ އެމްޑީޕީއަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ވާހަކަ ދައްކައި، އެ ހައްގުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވަކާލާތުކޮށްފައިވާ ޕާޓީއެއްކަން ފާހަގަ ކުރަށްވާފައެވެ.

“މި ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގުތިސޯދެއް ބިނާކުރުމަށް.” ފައްޔާޒް ވިދާޅުވެފައިވެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު މަސައްކަތްތެރިންގެ ހައްގުގައި މިއަދު ބޭއްވުމަށް މަސައްކަތްކުރި “މޭޑޭ ރެލީ”އަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން