ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ސްކޫލް ނިމޭނީ ނޮވެމްބަރަށް ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު މިއަދު ވިދާޅުވީ، ހުޅުމާލެ ފޭސް 2، ހިޔާ ފްލެޓް ސަރަޙައްދުގައި މިހާރު އިމާރާތް ކުރާ ސްކޫލް މި އަހަރު ނޮވެމްބަރު މަހަށް ނިމޭނެ ކަމަށެވެ.

އެގޮތުން، މި ސްކޫލަކީ 54 ކްލާސްރޫމްގެ ސްކޫލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ސްކޫލު ނިމުމުން ހުޅުމާލެ ފޭސް 2 ގައި މިހާރު ދިމާވެފައިވާ ތަޢުލީމީ ވުޒާރާއާއި ގުޅުންހުރި އެންމެ ބޮޑު މައްސަލައަށް ފުދޭވަރެއްގެ ރަނގަޅު ހައްލެއް ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ހުޅުމާލޭގައި މިއަހަރު ތެރޭގައި އިތުރު ދެ ސްކޫލްގެ މަސައްކަތް ފަށާނެ ކަމަށްވެސް ޑރ. ޝަފީއު ވިދާޅުވިއެވެ. އެއީ ހުޅުމާލެ ފޭސް 2 ގައި އެއް ސްކޫލް އަދި ފޭސް 1 ގައި ސުކޫލްކަން ވަޒީރު ވަނީ ފާހަގަ ކުރަށްވާފައެވެ.

“ފޭސް 1 އަށް ބަލާއިރު ސިފްކޯ، ޕޮލްކޯ އަދި އެޕޯލޯ ޓަވަރުތައް ކައިރީގައި ސްކޫލެއް ނެތުމުގެ ދަތިކަން މިހާރު ވަރަށް ބޮޑު.“ ވަޒީރު މިއަދު ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު މިއަދު ވިދާޅުވީ ހުޅުމާލޭގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތައް ހައްލު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ. އަދި ސަރުކާރުތަކުން ފްލެޓް އަޅަން މަސައްކަތް ކުރާއިރު ފްލެޓާއިއެކު އާއްމު ޚިދުމަތްތައް ދެވޭނެ ގޮތަށް އިމްާރާތްތައް ބިނާކުރަން ޖެހޭކަމަށް ވަޒީރު މިއަދު މަޖިލީހުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން