ވޭޕު ކުރަނީ
ވޭޕު ކުރަނީ
ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު އެކަނިވެސް 192،500 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ މަހު އެއްވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ވޭޕާ ގުޅޭ އެކިއެކި ކަންކަމުގައި ޖުމުލަ 39 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެމީހުންގެ ޖޫރިމަނާގެ އަދަދު 192،500 އަށް އަރާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި މާރޗު މަހު 27 މީހަކު ޖޫރިމަނާކޮށްފައިވާއިރު، އެމީހުން ޖޫރިމަނާ ކޮށްގެން ލިބޭ ޖުމުލަ އަދަދު 123،000 ރުފިޔާއަށް އަރައެވެ.

މިދިޔަ ޑިސެމްބަރު މަހު ވަނީ މުޅި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވޭޕްގެ ވިޔަފާރިކުރުން މަނާ ކޮށްފައެވެ.

އަދި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ދާދި ފަހުން އިސްލާހެއްވެސް ހުށަހަޅާފައެވެ.

ގާނޫނުގައި ކުރިން އޮންނަ ގޮތުންނަމަ ވޭޕާއި އީ-ސިނގިރޭޓު އަތުލެވޭނީ ނުވަތަ ޖޫރިމަނާކުރެވޭނީ ބޭނުންކުރަނިކޮށް ފެނިއްޖެ ނަމައެވެ.

ނަމަވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އާންމު ތަނެއްގައި ވޭޕާއި އީ ސިނގިރޭޓު ފަދަ އާލާތެއް ގެންގުޅެނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުސް އޮފިސަރަށް ލިބިދޭނެއެވެ.

މި ގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ގިނަވެގެން 45 ދުވަހުގެ ތެރޭގައި ނައްތާލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން