ޖަޕާނުން ރާއްޖޭގެ ކޯސްޓު ގާޑަށް އުޅަނދުތައް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން، ފޮޓޯ: ފޮރިން މިނިސްޓްރީ
ޖަޕާނުން ރާއްޖޭގެ ކޯސްޓު ގާޑަށް އުޅަނދުތައް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން، ފޮޓޯ: ފޮރިން މިނިސްޓްރީ
ޖަޕާނު ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުގެ 'އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް' ގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުގެ ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޖަޕާނު ސަރުކާރުން ހަދިޔާ ކުރުމަށް ނިންމަވާފައިވާ "ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް" ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯ އެވެ.

މިނިސްޓްރީން ބުނީ ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާނު ސަރުކާރުން 2.8 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ހަލީލް ވިދާޅުވީ ރާއްޖޭގެ ކޯސްޓްގާޑަށް މި އުޅަނދުތައް އިތުރުވުމާ ގުޅިގެން، ކޯސްޓްގާޑުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކައުތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޖަޕާނު ސަރުކާރުން ގެންގުޅުއްވާ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާނުން ކުރަމުންގެންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން