މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު 22.7 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން ބުނީ އޭޕްރީލްގެ ނިޔަލަށް 2.60 ބިލިއަން ރުފިޔާ އެ އިދާރާއަށް ބަލައިގެންފައިވާ ކަމަށެވެ. މީރާއިން ބުނީ މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެވެސް 1.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

އެ އިދާރާއިން ބުނީ، މި އަހަރުގެ އެޕްރީލްގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި މިދިޔަ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީ ވެސް މިދިޔަ މަހު ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.65 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 226.7 މިލިއަން ރުފިޔާއެވެ.

އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާއާއި، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.09 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން