ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކަށް ފަރުވާ ދިނުމަށް ޞިއްޙީ އެހީތެރިއަކު ހަރަކާތްތެރިވަނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކަށް ފަރުވާ ދިނުމަށް ޞިއްޙީ އެހީތެރިއަކު ހަރަކާތްތެރިވަނީ
ކޮރޯނާވައިރަސް ޖެހިގެން މަރުވާމީހުންގެ ތެރޭގައި އަންހެނުންނަށްވުރެ ގިނައީ ފިރިހެނުންކަމަށް ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ކޮރޯނާވައިރަސް ރެސްޕޯންސް ކޯޑިނޭޓަރ ޑރ. ޑެބްރާ ބަރކްސް ވިދާޅުވެއްޖެއެވެ.

ޑރ. ބަރކްސް ވިދާޅުވީ ޚާއްޞަކޮށް އިޓަލީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ އުމުރުފުރާއަކުވެސް ބަލި ޖެހިގެން މަރުވާ ފަރާތްތަކުގެ ދެބައިކުޅަ އެއްބަޔަކީ ފިރިހެނުންކަމަށެވެ.

އެގޮތުން ބަލާއިރު، އިޓަލީގައި މަރުވި މީހުންގެ 69 އިންސައްތައަކީ ފިރިހެނުންނެވެ. އަޔަރލެންޑްގައި މަރުވިމީހުންގެ 69 އިންސައްތަޔަކީ ފިރިހެނުންނެވެ. ޖަރުމަނުގައި މަރުވިމީހުންގެ 65 އިންސައްތައަކީ ފިރިހެނުން ކަމުގައިވާއިރު، ޗައިނާގައި މަރުވި މީހުންގެ 64 އިންސައްތައަކީ ފިރިހެނުންނެވެ. އަދި ސްޕެއިންގައި މަރުވި މީހުންގެ 63 އިންސައްތައަކީ ފިރިހެނުންނެވެ.

ފާހަގަކުރެވޭ ގޮތުގައި އެގައުމަކުން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުން ނަމަވެސް މަރުވާ ނިސްބަތަށް ބަލާއިރު ގިނައީ ފިރިހެނުންކަން އިނގިރޭސި ވިލާުތުގެ މެޓްރޯ ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓަކުން ހާމަވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި، ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެކަމަށް ބެލެވެނީ ގިނައިން ރާބުއިމާއި، ސިނގިރޭޓު ބުއިން ފަދަ އާދަތައް ގެންގުޅޭ ފަރާތްތަކަށެވެ. އަދި ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކަށްވެސް މި ބަލީގެ ބިރު ބޮޑުވެގެންދެއެވެ.

އެމެރިކާގެ ސީޑީސީން ބުނެފައިވާ ގޮތުގައި އެމެރިކާގައި ފިރިހެނުން މަރުވާ މައިގަނޑު ސަބަބަކީ ހިތުގެ ބައްޔެވެ. އޭގެ އިތުރުން ދިރާސާތަކުން ދައްކާ ގޮތުގައި ސިނގިރޭޓުފަދަ ސިއްހަތަށް ގެއްލުންހުރި އަމަލުތައް ކުރުމާއި އެފަދަ ތަކެތި ބޭނުންކުރުމާއި ކެއިން ބުއިމުގައި ރަނގަޅު ކާނާގެ ބޭނުން ކުރުމުގައި އަންހެނުންނަށްވުރެ ބޮޑަށް ފަރުވާކުޑަކުރަނީ ފިރިހެނުންނެވެ. އަދި ހަމައެއާއިއެކު އަންހެނުންގެ ހަށިގަނޑުގައި އުފައްދާ އީސްޓްރޯޖެންއަކީ ވައިރަސްތަކުން ސަލާމަތްވުމަށް ދިފާއީ ސެލްތަކަށް އެހީތެރިވެދޭ ހޯމޯނެކެވެ.

ކޮންމެ ގައުމަކުންވެސް ބަލި ޖެހޭ މީހުންގެ އަދަދާއި ޖިންސު އެނގޭ ގޮތަށް މައުލޫމާތު ހާމަކުރުމަށް ޑަބްލިޔޫއެޗްއޯއިން ވަނީ އަންގާފައެވެ. ނަމަވެސް އެކަން އެގޮތަށް ބަރާބަރަށް ނުކުރާނަމަ ކޯވިޑް-19 ގައި މަރުވާ ފިރިހެނުންގެ އަދަދު ގިނަވުމަށް ދިމާވެފައިވާ ހަގީގަތާއި ހަމަށް ވާސިލުވެވުމަކީ ނާދިރުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން