ފޮރިން މިނިސްޓްރީ--
ފޮރިން މިނިސްޓްރީ--
ރާއްޖެއަށް ދަތުރުނުކުރަން ސިންގަޕޫރު ސަރުކާރުން ޓްރެވަލް އެޑްވައިޒަރީ ނެރެފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ގައުމުތަކަށް ދަތުރުނުކުރުމަށް ގޮވާލައި ޓްރެވަލް އެޑްވައިޒަރީއެއް ނެރުނުކަމަށް ބައެއް މީޑިއާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެ ވާޙަކަތައް ރާއްޖޭގެ މީޑިއާތަކުން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސެއް ފަހުގެ ތާރީހެއްގައި ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން މިނިސްޓްރީއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.

"ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިޞާދަށް ކުރުމަކީ އެކަށީގެންވާކަމެކެވެ." ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައ ބުނެފައި ވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން