ދިވެހިރާއްޖޭގެ ތާރީޚުން ދުވަސްވަރެއްގައި ފަނޑިޔާރުގޭގެ މިނިވަންކަން އޮތްގޮތް ދައްކައިދޭ ވަރަށް މުހިންމު ހާދިސާއެއް ތަވާތުރުމަގުން އައިސް އަޅުގަނޑުމެންނަށް ފެންނަން އެބައޮތެވެ. އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ރަސްކަމުގައި ހިނގި ކަމެކެވެ. އޭރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަގާމުގައި ހުންނެވީ ދަރަވަންދޫގޭ ޙުސައިން ދީދީއެވެ. އާދެ، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. އެއީ މިހާރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ކާފާކަލުންނެވެ.

އެއްދުވަހަކު "ބޭފުޅެއްގެ" މައްސަލައެއް ފަނޑިޔާރުގޭގައި ބެއްލެވެމުން ދަނިކޮށް، ރަސްގެފާނު އެކަމުގެ ތެރެއަށް ވެދެވަޑައިގަތެވެ. މިގޮތުން ފަނޑިޔާރު މަނިކުފާނު ރަދުންގެ ދަރުބާރަށް ހާޒިރުކުރެއްވިއެވެ. އަދި ފަނޑިޔާރު މަނިކުފާނަށް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވަން މަސައްކަތް ކުރެއްވިއެވެ. މިކަމާ ގުޅިގެން ފަނޑިޔާރު މަނިކުފާނު ދެއްކެވީ ވަރަށް ހިތްވަރުގަދަ ރީތި މިސާލެކެވެ. އެމަނިކުފާނު އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ފަނޑިޔާރުކަމުގެ އަސާކޮޅު އެއްލަވާލެއްވިއެވެ. އަދި އެފަދަ ނުފޫޒެއްގެ ދަށުގައި ފަނޑިޔާރުކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށް ދަންނަވައި، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައި، ރަދުންގެ ދަރުބާރުން ނުކުމެވަޑައިގެންނެވިއެވެ.

ރަސްގެފާނުގެ ކުރިފުޅުމައްޗަށް ހާޒިރުކުރެވިފައި ހުރި، އެރަދުން ފަނޑިޔާރުކަމަކާ މަތިކުރައްވާފައި ހުންނެވި ބޭފުޅަކު އެފަދަ ގޮތަކަށް އަމަލުކުރެއްވުމުން އެކަމާ ކޯފާވުމުގެ ބަދަލުގައި އެމަނިއްޕުޅަށް ހެއްދެވުނީ ގޯހެއްކަމަށް ގަބޫލުފުޅުކުރެއްވިއެވެ. އެއްގޮތަކަށް ވެސް އަމިއްލަފުޅު އެދުންފުޅާ އެއްގޮތަށް ފަނޑިޔާރުކަން ކުރައްވާނެ ބޭކަލަކު އައްޔަނުކުރައްވަން ގަސްދުފުޅެއް ނުކުރެއްވިއެވެ. އާދެ، ރަދުން ވެސް ދެއްކެވީ ފަނޑިޔާރު މަނިކުފާނު ދެއްކެވި ފަދަ ރީތި މިސާލެކެވެ. އަލުން ހުސައިން ޞަލާޙުއްދީން ގެންނެވީއެވެ. އަދި ދުވަހަކުވެސް ފަނޑިޔާރުގޭގެ ކަމަކާ ބެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އަލުން ފަނޑިޔާރުކަމުގެ އަސާ ހަވާލުކުރެއްވައި ފަނޑިޔާރުކަމާ މަތިކުރެއްވިއެވެ.

މިއީ ރަސްގެފާނާއި އުއްތަމަ ފަނޑިޔާރު މަނިކުފާނު ދެއްކެވި ވަރަށް ރީތި މިސާލެކެވެ. ފަނޑިޔާރުގެއަކީ މިނިވަން، މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓުމުގެ މުހިންމުކަން މި ހާދިސާއިން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

ނަމަވެސް، މިއަދުގެ ހާލަތަށް ބަލާއިރު، އަޅުގަނޑުމެންނަށް ފެންނަނީ މުޅީން ތަފާތު މަންޒަރެކެވެ. މިއަދު ރަސްގެފާނުގެ ބަދަލުގައި ޤައުމުގެ ވަލިއްޔުލް އަމްރުގެ ގޮތުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ، ސިއްރާއި ފާޅުގައި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވަމުން ވަޑައިގަންނަވާ ތަން އަޅުގަނޑުމެން އެންމެންނަށް އެބަފެނެއެވެ. ނުފޫޒު ނުފޯރުއްވޭ ފަނޑިޔާރުން އެކި ގޮތްގޮތުން ވަކިކުރެވި، އަދި ބާކީ ތިއްބެވި ފަނޑިޔާރުންގެ އަނގަތައް ބަންދުކުރަން މަސައްކަތް ކުރެވެމުން ދާތަން އެބަފެނެއެވެ. ނުފޫޒު ފޯރުވޭ ފަދަ ފަނޑިޔާރުން އައްޔަނުކުރެވެމުން ދާތަން އެބަފެނެއެވެ.

މިއަދުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނަކީ އެއްކަލަ ހިތްވަރުގަދަ، ނަޒާހަތްތެރި އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ކާފަދަރިކަލުން ކަމުގައި ވިޔަސް، އެމަނިކުފާނުގެ ކިބައިން ކާފާކަލުންގެ ފަދަ ހިތްވަރެއް ފެންނާކަށް ނެތެވެ. ނަޒާހަތްތެރިކަން ނެތް ކަމަކަށް ނުބުނެވުނަސް، ފަނޑިޔާރުގޭގެ މިނިވަންކަން ހިމާޔަތްކުރުމުގައި އެމަނިކުފާނު ދައްކަވަނީ ފިނޑި މިސާލެކެވެ. ފަނޑިޔާރުގެ އެކި ގޮތްގޮތަށް ބަދަލުކުރެވި، ފަނޑިޔާރުގޭގެ މިނިވަންކަމަށް އަރައިގަނެވެމުންދާއިރުވެސް، އެމަނިކުފާނު ހުންނެވީ ހަނުހިމޭނުންނެވެ.

ހަމަ އެހެންމެ މިއަދުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ބައްޕާފުޅަކީ ވެސް ކާފާކަލުން ފަދަ ހިތްވަރުފުޅު ގަދަ ދިވެހީންގެ ދެމިދެމި ހުންނަ އިޙްތިރާމަކާއި ޤަދަރެއް ލިބިވަޑައިގެންނެވި މާތް ބޭފުޅެކެވެ. ދިގު ޒަމާންތަކެއް ވަންދެން ބަންޑާރަ ނާއިބުކަން ކުރެއްވި ކެރޭ ނަޒާހަތްތެރި ބޭފުޅެކެވެ. އަލްއުސްތާޛް ޢަދްނާން ޙުސައިނަކީ އެމަނިކުފާނުގެ ޢަދުލުވެރިކަމާއި އިންސާފުވެރިކަމަށްޓަކައި އެދުވަސްވަރުގެ ދިވެހީންގެ މެދުގައި މަޝްހޫރު ބޭފުޅެކެވެ.

މިއަދު އެމަނިކުފާނުގެ ޢަދުލުވެރި ކާފާކަލުން އިށީނދެ ވަޑައިގެންނެވި ޙުކޫމަތުގެ ގޮނޑިކޮޅުގައި އިންނަވައިމެ، ބައްޕާފުޅު އިންސާފުވެރިކަން އިސްކުރެއްވި ޝަރުޢިއްޔާގައި ހުންނަވައިމެ، އެ ޢަދުލުވެރިކަމާއި އިންސާފުވެރިކަމަށް ކަނުކަމާއި ބީރުކަން ދެއްވައިގެން ހުންނަވަން ލަދުފުޅު ނުގަނޭތޯއެވެ؟

މި ދެ ޒަމާނުގެ ތަފާތުން އަޅުގަނޑުމެންނަށް ދައްކައިދެނީ ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމެވެ. ފަނޑިޔާރުގެއަކީ މިނިވަން، މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓުމަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ. އެހެންކަމުން، ކުރީގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ދެއްކެވި ފަދަ ހިތްވަރާއި ޢަޒުމު މިއަދުގެ ފަނޑިޔާރުންގެ ކިބައިން ފެނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނިންމާލަމުން ދަންނަވާނީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، އަދި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމުގައި ސަރުކާރާއި، ފަނޑިޔާރުންނާއި، އަދި އާންމު ރައްޔިތުން ވެސް އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް ކުރީގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ދެއްކެވި ފަދަ ހިތްވަރުގަދަ، ނަޒާހަތްތެރި ފަނޑިޔާރުން އުފެއްދޭނެއެވެ. އަދި ޢަދުލު އިންސާފުގެ ނިޒާމު ވަރުގަދަކޮށް، ޤާނޫނުގެ ވެރިކަން ޤާއިމުކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން