ސޮރީގެ ޝޫޓިންގެ ތެރެއިން
ސޮރީގެ ޝޫޓިންގެ ތެރެއިން
ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ ފިލްމު ސޮރީގެ ޕްރޮމޯޝަނަލް ލަވައިގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހާމަކޮށްފިއެވެ.

މި ފިލްމުގެ ޕްރޮމޯޝަނަލް ލަވައަކީ ގިނަ އަދަދަކަށް ކުޑަކުދިން ބޭނުންވާ ލަވައެއްްކަމުން، މީގެ ކުރިން ވަނީ އެއަށް ކުދިން ހޯދުމަށް އިއުލާން ކޮށްފައެވެ. އެގޮތުން އޭރު ފުރުސަތު ހުޅުވާލީ 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ނަހޫ ބުނީ މި ލަވައިގެ ޝޫޓިން ފަސްކޮށްފައިވަނީ ފިލްމުގެ ބައެއް ތަރިން ރަށުން ބޭރަށް ދާން ޖެހުމާ ގުޅިގެން ކަމަށެވެ.

އެހެންނަމަވެސް، މިހާރު މި ލަވައިގެ ޕްރެކްޓިސް ފަށާފައިވާ ކަމަށް ނަހޫ ވަނީ ހާމަ ކޮށްފައެވެ.

މި ލަވައިގައި ބައިވެރިވާން ބޭނުންވާ 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަދިވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ނަހޫ ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މި ލަވައިގައި ބައިވެރިވާން ބޭނުންވާނަމަ ގުޅާލަން ޖެހޭނީ، 7844422 އަށެވެ.

"ސޮރީ" އަކީ ނަހޫގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ހިޓު ވާނެ ފިލްމު ކަމުގެ ޔަގީންކަން ނަހޫގެ އިތުރުން ފިލްމުގެ ތަރިންވެސް ދީފައިވާ ފިލްމެކެވެ. މިކަމުގެ ސަބަބުންވެސް ފިލްމު ނެރޭ ދުވަހަކަށް ކުރެވޭ އިންތިޒާރު ވަނީ އިތުރުވެފައެވެ.

މި ފިލްމުގެ ޓިކެޓުތައް މިހާރު އޮލިމްޕަހުގައި ވަނީ ވިއްކަން ފަށާފައެވެ. އަދި 7844422 އަށް ގުޅައިގެން އޮންލައިންކޮށް ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހި ފިލްމީ ދާއިރާގައި ނަންވިދާ ތަރިންނާއެކު އުފައްދާ "ސޮރީ" އަކީ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ ޖޫން 17 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން