"ސޮރީ" ގެ ޕޯސްޓަރު
"ސޮރީ" ގެ ޕޯސްޓަރު
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "ސޮރީ" ގެ ޝޯތަކުގެ ތެރެއިން ޖޫން 26، 27 އަދި 28 ގައި އަޅުވަން ހަމަޖެހިފައިވާ ޝޯތަކުގެ ޓިކެޓުތައް މާދަމާ އޮލިމްޕަހުން ވިއްކަން ފަށާނެ އެވެ.

އެގޮތުން އޮލިމްޕަސް ކައުންޓަރުން މި ޝޯތަކަށް ޓިކެޓު ވިއްކަން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ.

ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ބުނީ މި ޝޯތަކުގެ ޓިކެޓު ދޫކުރަން ފަށާނެ ދުވަހަކަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކަމަށެވެ.

ނަހޫ ބުނީ "ސޮރީ" ގެ 9 ޝޯގެ ބުކިން ގާތްގަނޑަކަށް ފުރިފައިވާ ކަމަށެވެ. އެހެންނަމަވެސް އާ ޝޯތަކަށް ޓިކެޓު ދޫނުކޮށް މަޑުކޮށްލީ ގިނަ ބަޔަކު އޮންލައިންކޮށް ފައިސާ ދައްކާފައިވާ ޓިކެޓުތަކެއް ހުރުމުން ކަމަށެވެ. އޮލިމްޕަހަށް ވަދެވިގެން އޭގެ ބޮޑު ބައެއް ދޫކުރެވުމުން އެހެން ޝޯތައް ހުޅުވާލުމަށްޓަަކައި މަޑުކުރީ ކަމަށް ނަހޫ ވަނީ ބުނެފައެވެ.

"ސޮރީ" ގެ ޓިކެޓު ބޭނުންވެފައިވާ ގިނަ ބަޔަކަށް ޓިކެޓު ނުލިބިގެން އެކަމާ ޝަކުވާ ކުރާކަން ފާހަގަ ކުރަމުން ނަހޫ ބުނީ މަތީގައި ބުނެވިފައިވާ ޝޯތަކުގެ ޓިކެޓު މާދަމާ ހެނދުނު ވިއްކަން ފަށާނެ ކަމަށެވެ.

މި ޝޯތަކަށް ވަރަށް ޑިމާންޑު ބޮޑުވެފައިވާތީ އެންމެ އިންސާފުވެރި ގޮތަކަށް ހެދުމަށްޓަކައި "ސޮރީ" ގެ ޓީމުން ނިންމާފައިވަނީ މި ޝޯތަކުގެ ޓިކެޓުތައް އޮންލައިންކޮށް ދޫނުކުރުމަށެވެ.

"ފުރަތަމަ ޝޯގެ ތަޖުރިބާއަށް ބަލާފަ މިހެން ނިންމަން ޖެހުނީ، ފުރަތަމަ ޝޯގެ ޓިކެޓު 2 ގަޑިއިރުތެރޭ ހުސްވިއިރު، ހުއްޓާނުލާ ގުޅަން މަސައްކަތް ކުރި އެތައް ބަޔަކަށް އެ ޝޯއިން ޓިކެޓު ނުލިބުނު. އެ ޝަކުވާ އަދިވެސް މީހުން ކުރޭ." ނަހޫ ވަނީ ބުނެފައެވެ.

ނަހޫ ބުނީ ފުރަތަމަ ޝޯގައި އެގޮތަށް ދިމާވުމުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފޯނު ނުނެގީ ކަމަށް ގިނަ މީހުންނަށް ހީވިކަމަށެވެ.

"ހުއްޓާނުލާ ފޯނު ނެގިޔަސް އެންމެންގެ ފޯނަށް އެއްވަގުތެއްގައި ޖަވާބު ނުދެވޭ. އެހެންވީމަ މިފަހަރު ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ޝޯ އޮލިމްޕަސް ކައުންޓަރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ހެދުން އެންމެ ރަނގަޅު ކަމަށް ފެންނާތީ އެހެން ހެދީ"

މި ފިލްމު އިއުލާން ކުރީއްސުރެން ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ މޫނުތަކާއެކު އުފައްދާ މި ފިލްމުގެ ޓްރެއިލާ ބަލާލުމުންވެސް މިއީ ވަރަށް އަސަރުގަދަ ފިލްމެއްކަން އެނގިގެން ދެއެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޖޫން 17 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން