ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފީހުގައި ކަތުރުފަނީގެ އުނދަގޫވާތީއާއި އެތަނުގެ ހާލަތު ދަށްކަމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީ ކުރިން ހިންގަމުންދިޔަ ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ތިމާވެއްޓާ ބެހޭ ބައިގެ އޮފީހާއި އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ މަސައްކަތްތައް މިހާރު ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.

އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ރައީސަށް ހުށަހަޅާފައިވާ ޕެޓިޝަންގެ ކޮޕީއެއް މިހާރު މީސްމީޑިއާގައިވަނީ އާންމުވެފައެވެ.

އެ ޕެޓިޝަންގައި މުވައްޒަފުން ބުނެފައިވަނީ، ދަރުބާރުގޭގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ، މަސައްކަތްކުރާ ވަގުތު މުވައްޒަފުންގެ ބޮލަށާއި ގަޔަށް އަދި ގެންގުޅޭ ސާމާނަށް ވެސް ކަތުރުފަނި އަރާކަމަށެވެ. އަދި މުވައްޒަފުންގެ ގައިގައި ކަތުރުފަނި ހެފުމުގެ ސަބަބުން އެކި ކަހަލަ އެލާޖީ މައްސަލަތައް ދިމާވަމުން ދާކަމަށް ވެސް މުވައްޒަފުންގެ ޕެޓިޝަންގައިވަނީ ބުނެފައެވެ.

އޭގެ އިތުރުން މުވައްޒަފުން ބޭނުންކުރުމަށް ދަރުބާރުގޭގައި ހުންނަ ގޮނޑި މޭޒަކީ މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ތަކެތި ނޫންކަމަށާއި އޭގެ ސަބަބުން މުވައްޒަފުންގެ އަތާއި ކޮނޑު އަދި އުނަގަނޑަށް އެކި ކަހަލަ ގެއްލުން ލިބި ބައެއް މުވައްޒަފުން ފިޒިއޯތެރަޕީ ނަގާ ކަމަށް ވެސް އެ މުވައްޒަފުން ބުނެފައިވެއެވެ.

ޕެޓިޝަންގައި މުވައްޒަފުންވަނީ، މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުވިފަހުން ރައީސް އެތަނަށް ވަޑައިގެން މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު އެކަށީގެންވާ ތަނެއް ހޯއްދަވައިދެއްވާނެކަމަށް މިދިޔަ އޭޕްރީލްމަހު ވިދާޅުވެފައިވީނަމަވެސް، އަދިވެސް އެކަމަށް ހައްލެއް ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެތަނުގެ މުވައްޒަފުންވަނީ އެ ޕެޓިޝަން ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީއަށް ވެސް ހުށަހަޅާފައެވެ.

މިފަދަ މައްސަލައެއް މުވައްޒަފުންގެ ފަރާތުން ހުށަހަޅާފައިވާއިރު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވެސް ބާވެގެން ތަނުގައި މަސައްކަތް ކުރެވޭވަރު ނުވެގެން މިހާރުވަނީ ވަގުތީގޮތުން އެ އޮފީހުގެ ހުރިހާ މަސައްކަތެއް ގޭގައި ކުރާގޮތަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން