ފޮރިން މިނިސްޓަރ ކްޓަރ އަބްދުﷲ ޚަލީލް
ފޮރިން މިނިސްޓަރ ކްޓަރ އަބްދުﷲ ޚަލީލް
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ 2 ދުވަހުގެ މުއްދަތައް މިނިސްޓަރ ކުރައްވާ މި ދަތުރުފުޅަކީ މާދަމާ ރާއްޖެ އާއި އިންޑިއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުންތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުންތަކެކެވެ.

އެގޮތުން މި ބައްދަލުވުމުގައި އަލިއަޅުވާލާ ދާއިރާތަކުގެ ތެރޭގައި އިޤްތިޞާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނެއެވެ. މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަހަރު ޖަނަވަރީ 29 ވަނަ ދުވަހު މާލޭގައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑޮކްޓަރ އެސް. ޖައިޝަންކަރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެގޮތުން މަޝްވަރާތައްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ދަތުރުފުޅުގައި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން