ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާދޭން ފަށައިފިއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވް ވީ ފަހުން 10 ދުވަސް ވީއިރުވެސް ހުން މަޑު ނުވާތީއާއި، ހާލު ބޮޑުވަމުން އަންނާތީ މި ހަފުތާގެ އާދިއްތަ ދުވަހު ބޮރިސް ޖޯންސަން ވަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައެވެ.

ބޮޑުވަޒީރުގެ ތަރުޖަމާން ވިދާޅުވީ ޑޮކްޓަރުންގެ ޓީމްގެ ލަފާގެ މަތިން މިހާރު އެމަނިކުފާން ވަނީ އައިސީޔޫ އަށް ބަދަލު ކޮށްފައި ކަމަށެވެ. އަދި ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއެއް ދެމުން އަންނަ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.

މިއަދު މެންދުރު ފަހު ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ހާލު އިތުރަށް ގޯސްވުމާ ގުޅިގެން އައިސީޔޫއަށް ބަދަލުކޮއްފައިވާއިރު، ބޮޑު ވަޒީރު ވަނީ ވަގުތީ ގޮތުން ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އާއި އޭނާގެ މަސައްކަތްތައް ހަވާލުކުރައްވާފައެވެ.

ޢުމުރުފުޅުން 55 އަހަރުގެ ބޮރިސް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ، ކޮރޯނާ ވައިރަސް ޖެހުމަށްފަހު ރަނގަޅުވާ މީހުންގެ ދިފާޢީ ނިޒާމް އިތުރަށް ވަރުގަދަވާ ކަމަށެވެ. އެހެންކަމުން ބަލި ޖެހޭ ވަރަކަށް ޖެހެން ދޫކޮށްލައި ބަލިން ދިފާޢުވުމަށް ފިޔަވަޅުތައް ނޭޅުމަކީ އޭނާ މިފަހަކާއި ޖެހެންދެން މިކަމުގައި ގެންގުޅުއްވި ފަލްސަފާއެވެ. އޭނާގެ މި ފަލްސަފާ ބަދަލުކުރެއްވީ ކޯވިޑް-19 ގެ ޝިކާރަޔަށްވެ 250000 އިނގިރޭސި ރައްޔިތުން މަރުވާނެ ކަމުގެ އިންޒާރު ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމަކުން ދިނުމުންނެވެ. މިބަލީގެ ސިކާރައަކަށް އިނގިރޭސި ބޮޑުވަޒީރު ވެގެންދިޔައިރު އޭނާގެ ވިސްނުމާއި ދެކޮޅަށް ޞިއްޙީ މާހިރުން ދެމުން ގެންދިޔަ ލަފާ ގަބޫލުފުޅު ކުރައްވައި ޞިއްޙީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފެށިތާ މާ ގިނަދުވަސް ތަކެއް ނުވެއެވެ.

ބޮރިސް ޖޯންސަން ކޮރޯނާ ވައިރަހާމެދު ގެންގުޅުއްވި ހަރުކަށި ގޮތްދޫ ނުކުރެއްވުމުގެ ވިސްނުން ބަދަލު ކުރެއްވިއިރު އިނގިރޭސި ވިލާތުން ވަނީ އެބަލީގައި 53 މީހުން މަރުވެ، ބައްޔަށް 1543 މީހުން ޕޮޒިޓިވް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން