ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް
ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް
ސަރުކާރުގެ އަމާޒަކީ މި އަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް "ގެދޮރިވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ މަސައްކަތް ނިންމުން ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ހައުސިން މިނިސްޓްރީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ފްލެޓްގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1000 ފްލެޓުގެާ ކަމަށެވެ. އެތަންތަނަށް ފެނާއި ކަރަންޓުގެ ހިދުމަތްވެސް ޖުލައި މަހުގެ ނިޔަލަށް ދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މަސައްކަތް ނިމިފައިވާ ފްލެޓުތައް ހަވާލު ކުރުމަށްޓަކައި އެގްރީމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވަނީ ހާމަކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓް ނިންމުމަށްފަހު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުންކަމަށެވެ.

"ގެދޮރުވެރިޔާ" ގެ ފައިނަލް ލިސްޓުގަގެ ގޮތުގައި ކުރީ ސަރުކާރުން އާންމު ކުރި ލިސްޓުގައި މައްސަލަ އުލޭ ކަމަށް އޭސީސީން އެންގުމުން، މި ސަރުކާރުން ވަނީ ލިސްޓު މުރާޖައާ ކޮށްފައެވެ. އަދި ލިސްޓުން ގިނަ ބަޔަކު އުނިކޮށް، ފެބްރުއަރީ މަހު އާ ލިސްޓެއްވެސް ނެރުނެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ނިންމާފައިވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ދޫކުރާނީ ކުރީ ސަރުކާރުން އާންމުކުރި ފައިނަލް ލިސްޓާ އެއްގޮތަށް ކަމަށެވެ. އެެހެންނަމަވެސް ފްލެޓު ދޫކުރުމުގައި އޭސީސީން ފާހަގަ ކޮށްފައިވާ ކަންކަމަށް ރިޔާއަތްކޮށް، ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނި ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސަރުކާރުން މިހާރު ވަނީ ލިސްޓުގައިވާ މައުލޫމާތުގެ ސައްހަކަށް ކަށަވަރު ކުރުމުގައިވެސް ލުއިތަކެއް ދީފައެވެ. މި ލުއިތަކާއެކު ފައިނަލް ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން