ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ސިވިލް ސާވިސްއިން އެޓަރނީ ޖެނެރަލް (އޭޖީ) އޮފީސް ވަކިކުރާ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ބިލާއެކު އެޓަަރނީ ޖެނެރަލް އޮފީހުގެ ގާނޫނު ވުޖޫދުވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ޤާނޫނުއަސާސީގައި އޭޖީ އޮފީސް މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތްނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސަރވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ޤާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ޤާނޫނުތަކެއްގެ ދަށުންނެވެ.

އޭޖީ އޮފީހުގެ ބިލަކީ އޭޖީގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، އޭޖީ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށް ހުށަހައެޅުއްވި ބިލެކެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުން ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް މި ބިލުގެ ބޭނުމެކެވެ.

‎މި ބިލުގައިވާ ގޮތުން އޭޖީގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ. އަދި ބިލްގައިވާ ގޮތުންނަމަ މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުއެވެ.

‎މީގެ އިތުރުން އޭޖީގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ބިލުގައި ހިމަނާފައިވެއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މި ބިލް ތަޞްދީޤުކުރެއްވުމާ ގުޅިގެން އެޓާރނީ ޖެނެރަލް އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން 90 ދުވަސް ފަހުން މި ޤާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން