ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާކުރުމުގައި ސިޔާސީ މަސްލަހަތަށްވުރެ ބޮޑަށް އިސްކުރެއްވީ ގައުމީ މަސްލަހަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސިލޯން ޓުޑޭއަށް ދެއްވި އިންޓަވިއުއެއްގައި މި ސަރުކާރުން އިންޑިއާއާއި، ޗައިނާއާއި، އެމެރިކާއާ މެދު ގެންގުޅޭ ޚާރިޖީ ސިޔާސަތު ބަދަލުކުރުމާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންމެވެ.

މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ގެ ނަމުގައި ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ކެމްޕޭނަކަށް ފަހު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމުގެ ވައުދާއެކުގައެވެ. މިކަމުގެ ސަބަބުން މި ސަރުކާރަކީ 'ޕްރޯ ޗައިނާ' ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައިވެސަ ސިފަވެގެން ދިޔައެވެ.

އަދި ސަރުކާރު ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި މައްސަލައެއްވެސް ފެންމަތިވިއެވެ. މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަރަށް ހީނަރުވެގެން ދިޔައެވެ. އަދި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި އިންޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށްގެންދިޔައެވެ.

އަދި އެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ވަޑައިގެން، އިންޑިއާއަށް އިޝާރާތް ކުރައްވައި، ރާއްޖެއަކީ އެއްވެސް ގައުމެއްގެ 'ބެކްޔާޑް' އެއް ނޫން ކަމަށާއި ރާއްޖެ ކުޑަޔަސް ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެފަހުން ސަރުކާރުން ވަނީ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރައީސް ވަޑައިގެންނެވިއެވެ. އޭގެ ފަހުން ދެގައުމުގެ ގުޅުން ރަނގަޅު ވެފައިވާ ކަމަށް ދެގައުމުގެ ސަރުކާރުންވެސް ވަނީ ހާމަކޮށްފައެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަކީ 'ޕްރޯ ޗައިނާ' ސަރުކާރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ގެންގުޅުއްވަނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާއާއި ޗައިނާ އާއި އެމެރިކާއަކީ އެތައް އަހަރެއް ވަންދެން ރާއްޖޭގެ މުހިންމު ތަރައްގީގެ ބައިވެރިންގެ ގޮތުގައި އޮތް ގައުމުތަކެއް ކަމަށެވެ. އަދި ރާއްޖެއަށް އެހީ ބޭނުންވި އެތައް ފަހަރަކު އެ ގައުމުތަކުން ދީލަތިކަމާއެކު އެހީ ފޯރުކޮށްދީފައިވާ ކަމަށާއި އެކަމަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ޖިއޮޕޮލިޓިކަލް މާހައުލެއްގައި، މަދު ވަސީލަތްތަކެއް އޮތް ކުޑަ ޖަޒީރާ ދައުލަތެއްގެ ހައިސިއްޔަތުން، ގައުމީ މަސްލަހަތާ އެއްގޮތަށް ސްޓްރެޓީޖިކް ބަދަލުތައް ގެނައުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމަށް ދިމާވާ ގޮންޖެހުންތަކާއި އެހެން ގައުމުތަކުގެ ސިޔާސީ ހަގީގަތްތަކަށް ވެސް ބަލައި، އެ ކަންކަމަށް ހޭނުމަކީ ބަލިކަށިކަމެއް ނޫން ކަމަށެވެ.

އެހެންވެ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ އެ ގައުމުތަކާއި އެ ނޫން ވެސް އެކުވެރި ގައުމުތަކާ ގުޅިގެން، ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން