މަރްޔަމް ނަހްދާ ވަޙީދު   31 މޭ 2025 - 17:45
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅި ފަޅުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން، ފޮޓޯ: ހައުސިން މިނިސްޓްރީ
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅި ފަޅުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން، ފޮޓޯ: ހައުސިން މިނިސްޓްރީ
ސަރުކާރުން އަލަށް ކަނޑައެޅި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގުޅިފަޅުން ގޯތި ލިބޭ ޕްލޮޓް ކަނޑައަޅައި، ގުރުއަތު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަ ކޮށްފިއެވެ.

ކުރީ ސަރުކާރުން އެކުލަވާލި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ގިނަ މައްސަލަތަކެއް ހުރުމުން، އެ ޕްލޭން އަލުން ދިރާސާކޮށް ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި އާންމު ކުރީ މިމަހު 15 ގައެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި ކުރީ ސަރުކާރުގައި އެކުލަވާލި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތިއެވެ. އަދި ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމުގައި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފައިވާ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން ޕްލޭން ދިރާސާކޮށް އެލްޔޫޕީއަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ގޯތީގެ ގުރު އަލުން ނެގުމަށް މިނިސްޓްރީން ނިންމިއެވެ.

އަދި ގޯތި ލިބުނު މީހުންގެ ގުރުއަތުނެގުމުގެ މަސައްކަތް ހުކުރު ދުވަހު މެންދުރު 14:30އިން ފަށައިގެން، ފަތިހާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

މިނިސްޓްރީން ބުނީ ހުރިހާ ޕްލޮޓްތަކުގެ ގުރުއަތުލުން މިހާރު ނިންމާލާފައިވާ ކަމަށެވެ. މީގެތެރޭގައި ޖުމްލަ 3557 ގޯތި ހިމެނޭއިރު، 7 ސައިޒެއްގެ ބިން ހިމެނެއެވެ.

ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކާއި ބިން ލިބޭ ފަރާތްތަކާއެކު ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ފަހުން ހާމަކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން