ކްރައިމް ސީނެއް، ފޮޓޯ:ފުލުހުން
ކްރައިމް ސީނެއް، ފޮޓޯ:ފުލުހުން
މިދިޔަ މެއި މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހުގެ ތެރޭގައި 327 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތައްކަމަށްވާއިރު އެ ބާވަތުގެ 269 މައްސަލަ ރިޕޯޓު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް އައިއިރުވެސް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުތަކެވެ. އެގޮތުން ވައްކަމުގެ 1283 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ޓްރެފިކް އެކްސިޑެންޓުތަކާއި ގުޅިގެން 1272 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 749 މައްސަލައެއް ރިކޯޑު ކުރެވިފައި ވެއެވެ.

މި އަހަރުތެރޭގައި މުދާ ގެއްލިގެން 405 މައްސަލައާއި، މުދަލާއި ތަންތަނަށް ގެއްލުންދިނުމުގެ 250 މައްސަލަ އާއި، މާރާމާރީގެ 254 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ހިޔާނާތްތެރިވުމުގެ 152 މައްސަލައާއި، ފޭރުމުގެ 102 މައްސަލައިގެ އިތުރުން ގެވެށި އަނިޔާގެ 100 މައްސަަލައެއްވެސް ވަނީ ހުށަހަަޅާފައެވެ.

މީގެ އިތުރުން ލިޔެކިއުން ނަކަލުކޮށް އޮޅުވާލުމުގެ 32 މައްސަލައެއްވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން