އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އަޅުވާފައިވާ ބައެއް
އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އަޅުވާފައިވާ ބައެއް
ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްލުމަށް އެދި ހުށައެޅި 121 މީހުންގެ ތެރެއިން މިހާތަނަށް ދޫކޮށްލީ 9 މީހުން ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.

ވާނުވާ ބަންދުގައި ތިބި މީހުން ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރަމުންދާއިރު، ވާނުވާ ބަންދުގައި ގިނަ އަދަދެއްގެ ބަޔަކު ތިބެން ޖެހުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް މިއަހަރުގެ އޭޕްރީލް މަހުގެ 28 ގައި ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެކަމާގުޅިގެން ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދާނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށް ކަމަށެވެ.

އެގޮތުން މިހާތަނަށް 9 މީހަކު ޓެގު އަޅުވާފައި ދޫކޮށްލާފައިވާއިރު، 20 މީހުން ދޫނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ. އަދި 92 މީހެއްގެ ޕޮލިސް އެސެސްމެންޓް މިހާރު ހަދަމުންދާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޓެގް އެޅުވުމަށްފަހު ދޫކޮށްލާ މީހުންގެ ކޯޓު އަމުރުތަކުގައިވާ ގޮތުން އެމީހުން ދޫކޮށްލުމަށް އަމުރު ކުރަނީ ޝަރުތުތަކެއް ކުރުމަށްފަހު، 100 ދުވަހުގެ މުއްދަތަށެވެ. އަދި އޭގެފަހުން އަނެއްކާވެސް އެމީހުންގެ އަމުރުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހުށައަޅަން ޖެހެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، ޓެގް އަޅުވައި ބަންދަށް ލުއިދެވޭނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުޑަ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ.

“ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް ހަމަޖެހިފައެއް ނުވެއެވެ.” ޕީޖީން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޤަބޫލުކުރާ ކަމަށްވެސް ޕީޖީން މީގެކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން