ރައީސް ނަޝީދު އާއި އީވާ
ރައީސް ނަޝީދު އާއި އީވާ
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅެން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ސަބަބުން އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ވަނީ އުފައްދަވާފައެވެ.

އެހެންނަމަވެސް މިއަދު ބޭއްވި ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ގަރާރެއް ފާސްކުރުމަށްފަހު ރައީސް ނަޝީދާއި އީވާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއެކު އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށް ގަރާރުގައި ވެއެވެ.

މިއީ ރައީސް ނަޝީދުގެ އެދިވަޑައިގެންނެވުމުގެ މަތިން ހުށަހެޅުއްވި ގަރާރެކެވެ. ޑިމޮކްރެޓްސްއިން މި ގަރާރު ފާސްކޮށްފައިވަނީ އެ ޕާޓީގެ ގިނަ ބައެއްގެ ތާއީދާއެކުއެވެ.

މި ގަރާރާ އެއްގޮތަށް ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމުން ދެން އެ ޕާޓީ ދެމި އޮންނާނެތޯ، ނުވަތަ ނޫންތޯ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހާމަކުރާނެ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ޑިމޮކްރެޓްސްއިން މިފަދަ ގަރާރު ފާސްކޮށްފައިވާއިރު، މިކަމާ ގުޅޭ ގޮތުން އެމްޑީޕީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން