ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް
ހުޅުމާލެ ފޭސް 2 ގެ ފްލެޓުތައް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ރިވިއުކުރުމަށްފަހު، ޝަރުތު ހަމަނުވާ ފަރާތްތަކަށް ފްލެޓު ނުލިބޭކަން ހައުސިން މިނިސްޓްރީން އަންގަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓަށް އެދުނު މީހުންގެ ތެރޭގައި މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުގައި ފްލެޓް ލިބުނު މީހުން ވެސް ހިމެނޭ ކަމަށެވެ. އެއްވެސް މަޝްރޫއެއްގެ ދަށުން ކުރިން ފްލެޓު ލިބިފައިވާނަމަ ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި އޭގެ ތެރެއިން ބައެއް މީހުން ހިމެނިފައި ވީނަމަވެސް، ރިވިއު ކުރި ލިސްޓާ އެކު ފްލެޓް ގެއްލިފައިވާތީ އެކަން ލިޔުމުން އަންގަން ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެކަން ބެލީ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެއްކުރި މައުލޫމާތުގެ އަލީގައި ކަމަށެވެ.

ފްލެޓްތަކާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.

ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން