ދުނިޔޭގެ ޞިިއްޙަތު ޖަމިއްޔާގެ އިސްވެރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ދުނިޔޭގެ ޞިިއްޙަތު ޖަމިއްޔާގެ އިސްވެރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ދުނިޔޭގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާގައި އިތުރު 6 މިލިއަނެއްހާ ނަރުހުންގެ ވަޒީފާ އުފައްދަންޖެހޭ ކަމަށް ނާރސިންގް ރިޕޯޓުން ހާމަވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތުގެ ދުވަހާއި ގުޅޭގޮތުން ޑަބްލިއުއެޗްއޯއިން ކުރި ޓްވީޓެއްގައި ނަރުހުންނާއި ފޫޅުމައިން، އެމީހުންގެ މަސައްކަތުގައި ދައްކަމުންދާ ހިތްވަރާއި ކުޅަދާނަކަން ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބުނީ އަލަށް ތައްޔާރުކުރެވުނު ނަރސިންގް ރިޕޯޓުން ދައްކާގޮތުގައި ހުރިހާ ގައުމެއްގެ ސަރުކާރު ތަކުންވެސް ނަރުހުން ތަމްރީނު ކުރުމަށް ބޮޑު އިސްކަމެއް ދޭންޖެހޭކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް ނަރުހުންގެ 6 މިލިއަން ވަޒީފާ އިތުރަށް އުފައްދަން ޖެހޭކަމަށް އެޖަމިއްޔާއިން ބުނެފައި ވެއެވެ.

މުޅި ދުނިޔޭގައި މިވަގުތު 5.9 މިލިއަން ނަރުހުންނަށް ބޭނުންވާކަން ފާހަގަކުރަމުން ޑަބްލިއުއެޗްއޯ އިން ބުނީ ނަރުހުންގެ ޚިދުމަތަށް އެންމެ ބޮޑަށް ޖެހިފައިވާ ގައުމުތަކުގެ ތެރޭގައި އެފްރިކާގެ ޤައުމުތަކާއި ދެކުނު އޭޝިއާއާއި އަރަބި ދައުލަތްތަކާ އަދި ލެޓިން އެމެރިކާ ހިމެނޭ ކަމަށެވެ. ނަރސިންގް ރިޕޯޓުން ދައްކާ ގޮތުގައި ދުނިޔޭގައި މިވަގުތު ތިބީ ގާތްގަނޑަކަށް 28 މިލިއަން ނަރުހުންނެވެ.

ދުނިޔޭގެ ގައުމުތަކުގައި ނަރުސްކަމުގެ ދާއިރާއިން ދަސްވެނިވާ ދަރިވަރުންގެ އަދަދު އަށެއް އިންސައްތަ އިތުރުކުރުމަށް އިރުޝާދުދެމުން ޑަބްލިއުއެޗްއޯއިން ބުނީ ދަސްވެނިވާ ނަރުހުންނަށް ތަޢުލީމީ ފުރުސަތުތަކާއި އެކަށޭނަ ވަޒީފާގެ ފުރުސަތުވެސް ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށެވެ.

ނަރުހުންނަކީ ޞިއްޙީ ދާއިރާގެ މައިބަދަކަށް ފާހަގަކުރައްވައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނަމް ގެބްރެޔަސަސް ވިދާޅުވީ މިހާރު ފެތުރެމުން މިދާ ކޮރޯނާވައިރަހާއި ހަނގުރާމަކުރުމަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދަނީ ނަރުހުން ކަމަށާއި، އެމީހުންގެ މަސައްކަތަށް ދެވެން އޮތް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

ޓެޑްރޯސް މިހެން ވިދާޅުވެފައިވާއިރު، ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްރިވަމުން ދަނިކޮށް ބަލި ޖެހިގެން އިޓަލީގައި 23 ނަރުހަކު މަރުވެފައިވާއިރު، މުޅިދުނިޔޭގެ ނިސްބަތުން މިއަދަދު 100 އާއި ގާތްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން