ސްޓެލްކޯއިން އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހު ކުރުން، ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހު ކުރުން، ފޮޓޯ: ސްޓެލްކޯ
މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގ ދިނުމަށް ޚާއްޞަ، ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ޕޫލް އިފްތިތާޙުކޮށްދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މިއީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި، ކުންފުނިން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ކުރާ މަސައްކަތެއް ކަމަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މި ޕޫލްގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ހުރި ހުނަރާއި ތަޖުރިބާ ފައިދާހުރި ގޮތެއްގައި ބޭނުންކޮށް، މުވައްޒަފުންނަށް ބޭނުންވާ ޢިލްމާއި ހުނަރު އެންމެ ގާތުން ފޯރުކޮށްދިނުމެވެ.

މި މަސައްކަތުގެ ތެރެއިން، މުވައްޒަފުންގެ ތެރޭގައި ހުރި ހުނަރު ދެނެގަނެ، އެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް ކުންފުނީގެ ތެރެއިން ތަމްރީނު ދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ 35 މުވައްޒަފަކަށް ވަނީ "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކުރުމަށްފަހު، ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދޫކޮށްފައެވެ. މީގެ އިތުރުން ސްޓެލްކޯ ޓްރެއިނަރސް ޕޫލުން ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ.

މި ޕޫލްގައި މިވަގުތު 35 މުވައްޒަފުން ހިމެނޭއިރު، މީގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަށް ޚާއްސަ މުވައްޒަފުން ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ މި ޕޫލް އިތުރަށް ތަރައްޤީކޮށް، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން