ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކުރާކަމަށްބުނެ އެ ކައުންސިލްގެ މޭޔަރު ސައުދު ޢަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުالله ޢަލީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައިކަމަށް ސައުދު ވިދާޅުވެއްޖެއެވެ.

އެ ކައުންސިލްގެ މައްސަލަތަކެއް ފެންމަތިވެގެން އެލްޖީއޭއިން ދާދިފަހުން ވަނީ އިންކުއަރީއެއް ހަދާފައެވެ. އޭގައި ޖުމުލަ 19 މައްސަލައެއް ފާހަގަ ވެފައިވާތީ އެކަންކަމަށް ފިޔަވަޅު އެޅުމަށް އެލްޖީއޭގެ ބޯޑުން މިއަދުވަނީ ނިންމާފައެވެ. އެކަން ހާމަކުރުމަށް މިއަދު އެލްޖީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ތަނުގެ ވެރިންގެ ހައިސިއްޔަތުން އެތަނުގައި ހިނގާފައިވާ ގާނޫނާއި ގަވާއިދުތަކާ ހިލާފު ކަންކަމަށް ގާނޫނުގެ ތެރެއިން މޭޔަރާއި ޑެޕިއުޓީ މޭޔަރު ޒިންމާވާންޖެހޭނެ ކަމަށެވެ.

އެހެންވެ މުސާރަ ނުލިބޭގޮތަށް 3 މަހަށް ސައުދު ސަސްޕެންޑު ކުރަން ނިންމިއިރު މުސާރަ ނުލިބޭގޮތަށް ނަސްރުالله 1 މަހަށް ސަސްޕެންޑު ކުރުމަށް ވަނީ ނިންމާފައެވެ.

އެލްޖީއޭގެ އެ ނިންމުމާ ގުޅިގެން ބައެއް އޮންލައިން ނޫސްތަކަށް ސައުދު ވިދާޅުވީ، މިއީ ސިޔާސީ ބޭނުމެއްގައި، ކައުންސިލް ބަދުނާމު ކުރުމަށް ކުރާ ކަމެއްކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މަސައްކަތްތަކަކީ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުالله ހިލްމީ ހުށަހަޅުއްވައިގެން ބަލަމުންދާ މައްސަލަތަކެއް ކަމަށާއި އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުރަމުންދާ ސިޔާސީ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިދާރީގޮތުން ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެކަންކަމުގައި އެލްޖީއޭއަށް ޖަވާބުދާރީ ވެފައިވާނޭކަމަށް ވެސް ވިދާޅުވިއެވެ.

އެލްޖީއޭއިން ފެންމަތިކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ ގިނަ މައްސަލަތަކަކާއި ބައެއް ކައުންސިލަރުން ނުހައްގު މުސާރަ ނެގުމާއި މޭޔަރުގެ އަމިއްލަ އެކައުންޓަށް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލައެއް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން