ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު ޢަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ މަގާމުން ސަސްޕެންޑު ކުރުމާ ގުޅިގެން ކައުންސިލުން ހިންގުން މެންބަރު އާމިނަތު ނަސީމާ އާ ހަވާލުކޮށްފިއެވެ.

އާމިނަތު ނަސީމާއަކީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވެފައިވާ މެންބަރެކެވެ. އެނގިފައިވާ ގޮތުގައި އޭނާއާ ހިންގުން ހަވާލުކުރިކަން އެލްޖީއޭއިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.

އެހެންކަމުން މިއީ ތިނަދޫ ސިޓީ ކައުންސިލްގެ ހިންގުން އަންހެނަކާ ހަވާލުކުރެވުނު ފުރަތަމަ ފަހަރެވެ.

އެލްޖީއޭއިން ބެލި މައްސަލަތަކަކާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ ސަސްޕެންޑުކޮށްފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެނޑުކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.

އެލްޖީއޭއިން ހެދި އިންކުއަރީއަކަށްފަހު ތައްޔާރުކުރި ރިޕޯޓުގައި 19 މައްސަލައެއް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ކައުންސިލަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލައާއި، ތިނަދޫން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5000ރ. ގެ ފީއެއް ނަގާ މައްސަލަ އާއި، ރަށްވެހިކަން ބަދަލުކުރުމަށް ފީ ނެގުން ހުއްޓާލަން އެލްޖީއޭ އިން އެންގުމުން އެއަށް އަމަލުނުކުރުން ހިމެނެއެވެ.

އަދި އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ އާއި، އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރުމާއި، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއޭޝަން ކޮމިޓީއަށް އެލަވަންސް ދިނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އޭސީސީން ތިނަދޫ ކައުންސިލުން ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދިނުމާއި، ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލައާއި، ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުން ފަދަ ކަންކަން އެލްޖީއޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އަދި ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަވެސް އެލްޖީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން