މަސް ބާނަނީ، ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
މަސް ބާނަނީ، ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
މިއަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 40 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަހު މަސް އެކްސްޕޯޓްކޮށްގެން 63.7 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 45.5 މިލިއަން ޑޮލަރާ އަޅާބަލާއިރު 40 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރެއިން އެންމެ މަތީ އާމްދަނީއެއް ލިބިފައިވަނީ އެޕްރީލް މަހުގައި ކަމަށްވާއިރު، އެމަހު އެކަނި 18.2 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި ޖެނުއަރީ މަސް ފިޔަވައި މިއަހަރުގެ ކޮންމެ މަހެއްގައިވެސް 10 މިލިއަން ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބިފައިވާކަން ތަފާސް ހިސާބުތަކުން އެނގެއެވެ.

މަސް އެކްސްޕޯޓްކުރި މިންވަރަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަހު 38,800.6 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ބޭރުކުރި 23,356.1 މެޓްރިކް ޓަނާ އަޅާބަލާއިރު 66.1 އިންސައްތައިގެ އިތުރުވުމެކެވެ.

އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ އެޕްރީލް މަހު ކަމަށްވާއިރު، އެމަހު 9,700 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން