ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައެއް މެންބަރުން
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައެއް މެންބަރުން
ޗެނަލް 13އިން ގެނެސްދޭ “ހަޖަމު” ޕްރޮގުރާމުގައި ބޭނުންކުރާ ބަސްމަގު ބަދަލުކުރުމުން ނޫނީ ހަޖަމު ނުކުރާނެ ކަމަށް ބްރޯޑްކޮމުން އެޗެނަލަށް އަންގައިފިއެވެ.

ޗެނަލް 13 އަށް ފޮނުވި ސިޓީއެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް އެ ޗެނަލަށް ނަސޭޙަތްތެރިވެފައެވެ.

ޚާއްޞަ ގޮތެއްގައި ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަންގެ ސިޓީގައި ވަނީ ބުނެފައެވެ.

އަދި ހަމަ އެހެންމެ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު ވެސް މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބާރުއަޅައި އެކަމަށް އިސްކަންދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށާ އަދި ބްރޯޑްކާސްޓްކުރާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް ކޮމިޝންގެ ސިޓީގައި ވަނީ އެ ޗެނަލަށް ނަސޭޙަތްތެރިވެފައެވެ.

މީގެއިތުރުން މުޖްތަމަޢުގެ އާއްމު މިންގަނޑާ ޚިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑް ކާސްޓިންގ ކޮމިޝަނުން އެޗެނަލަށް ފޮނުވި ސިޓީގައި އަންގާ ފައިވެއެވެ.

މިސަރުކާރު އައުމާއި ހަމައަސް އޮތް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ދައުރުގައި މުޅިން ހެން ކޮށްފައިވާ މަސައްކަތަކީ އޭރުގެ ސަރުކާރަށް ފާޑު ކިޔަމުން ގެންދިޔަ ރާއްޖެ ޓީވީގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. މިހާރުގެ ސަރުކާރުން ބަދަލު ގެނައި ބްރޯޑްކާސްޓިންގ ކޮމިޝަނުން އާންމުކޮށް ފެންނަ ގޮތަށް އަދި ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ބެލެވެނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ފާޑު ކިޔަމުންދާ ޗެނަލް 13 އާއި މެދު ފިޔަވަޅު އެޅުމެވެ. ނަމަވެސް ޕްރޮގްރާމެއް ހުއްޓާލަން އެންގުން ފިޔަވައި ކުރީގެ ބްރޯޑްކޮމުން އަޅަމުން ގެންދިޔަ ފަދަ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރުން ފަދަ ބޮޑެތި އަދަބު ތަކެއް އަދި މިފަހަރުގެ ކޮމިޝަނަކުން ނުދެއެވެ.



މިކަމުގައި ފާޑުކިޔާ ބައެއް މީހުން ބުނަނީ ކުރީގެ ކޮމިޝަނުންވެސް ހިނގި މަގުން މިހާރުގެ ކޮމިޝަން ވެސް ހިނގަން އުޅޭ ފަދަ މަންޒަރު ތަކެއް މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން