އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް އަވަހަށް ނިންމާލެވުނީ ރައީސްގެ ހިކުމަތްތެރި މަސައްކަތްޕުޅުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް ނުވަތަ މަޑުޖެހުމަކަށް ނުދާހެން، މަޝްރޫއުތައް ނިންމަން ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ކެނޑިނޭޅި ކެބިނެޓަށް ބާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި އާ ޓާމިނަލް ހުޅުވިގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ޓައިމްލައިނާ އެއްގޮތަށް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އަދި އިތުރަށް ނެގޯޝިއޭޓު ނުކުރެވޭނެހެން ވަކި ދުވަސްތަކެއް ކަނޑައަޅައި، އެ އިންސްޓްރަކްޝަންތައް އެއާޕޯޓަށްވެސް ދެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންވީމަ، އެ ނަތީޖާ އެގޮތަށް ފެނިގެން އެ ދަނީ،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ކޮންމެ މޫސުމެއް، ކޮންމެ ގޮތަކަށް ބައްދަލު ކުރިޔަސް، ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވައި އިތުބާރު އިތުރު ކުރެއްވުމަށް ރައީސް ވަރަށް ހިކްމަތްތެރިކަމާއެކު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ގައެވެ.



ކިޔުންތެރިންގެ ހިޔާލު