ތިނަދޫ ސިޓީ މޭޔަރ، ފޮޓޯ: ކައުންސިލް
ތިނަދޫ ސިޓީ މޭޔަރ، ފޮޓޯ: ކައުންސިލް
ތިނަދޫ ސިޓީ ކައުންސިލަށް ލިބެންޖެހޭ 7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބޭކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓް އޮފީހުން ޢާއްމު ކޮށްފައިވާ ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓުގައިވާ ގޮތުން، ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ 19 ބިމުގެ ކުއްޔާއި ގާޑިޔާތަކުން ލިބެންޖެހޭ ފައިސާއާއި، ކުނި ފީގެ ގޮތުގައި 31 ޑިސެންބަރު 2023ގެ ނިއަލަށް ޖުމްލަ 7،537،672 ރުފިޔާ ލިބިފައެއް ނުވެއެވެ.

އޭގެތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ 19 ބިމުގެ ކުއްޔާއި ގާޑިޔާތަކުން ލިބެންޖެހޭ ފައިސާއާއި އަދި ކުނި ފީގެ ގޮތުގައި ކައުންސިލުގެ އިދާރާއިން ތައްޔާރުކޮށްފައިވާ ނުލިބި ހުރި ފައިސާގެ ރިޕޯޓުގައި ހިމެނޭ 7،077،681 ރުފިޔާއާއި މިރިޕޯޓުގައި ހިމަނާފައި ނުވާ 459،991 ރުފިޔާއެވެ.

މިފައިސާތައް ހޯދުމަށް ބައެއް ފަރާތްތަކަށް ސިޓީ ފޮނުވާފައިވީ ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާފައި ނުވާކަން އޮޑިޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ދަތުރުތަކުގައި ހުރުމުގެ ޚަރަދުގެ ގޮތުގައި ދޭންޖެހޭ ވަރަށްވުރެ އިތުރަށް ފައިސާ ދޫކޮށްފައިވުމާއި، ދައުލަތުގެ އާމްދަނީގެ ގޮތުގައި 2023ވަނަ އަހަރުގެ ނިއަލަށް ކައުންސިލްގެ އިދާރާއަށް ލިބިފައިވާ 175،859 ރުފިޔާ 27 ފެބުރުއަރީ 2024ގެ ނިއަލަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

ތިނަދޫ ސިޓީ ކައުންސިލުން ޕަބްލިކް އެކައުންޓަށް ޖަމާނުކޮށް ހުރީ މަސްވެރިކަމުގެ ލައިސަންސް ފީ އާއި މުދަލުގެ ޒަކާތުގެ ފައިސާ އަދި އައިޑީ ކާޑު ފީއެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުން ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވާއިރު، އެލްޖީއޭ އިން ވަނީ، ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައެވެ. އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެނޑުކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.

އެލްޖީއޭއިން މިގޮތަށް ނިންމަވާފައިވަނީ އެ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހަޅައިފައިވާ މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު