މަރްޔަމް ނަހްދާ ވަޙީދު   18 ޖުލައި 2025 - 18:45
ގެއްލިގެން ހޯދަމުންދާ ޔާމީން
ގެއްލިގެން ހޯދަމުންދާ ޔާމީން
މާލެއިން ގެއްލިގެން ހޯދަމުންދާ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ހަސަން ޔާމީން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރުދުވަހުގެ ރޭ 21:25 ހާއިރު، ޔާމީން ދިރިއުޅޭ ގެއިން ނިކުތްފަހުން ޚަބަރެއް ނުވާ ކަމަށާއި، މިދިޔަ ހޯމަ ދުވަހުގެރޭ 20:30ހާއިރު، އޭނާގެ އާއިލާއިން އެކަން ފުލުހަށް އެންގި ކަމަށެވެ.

އަދި ޔާމީން ހޯދަމުންދާތާ ހަފްތާއެއް ފާއިތުވިއިރު އަދިވެސް އޭނާ ފެނިފައި ނުވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އާއިލާގެ ފަރާތުން އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނު ހިސާބުން، ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ގުޅުންހުރި ބަހާތަކަށާއި މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އަދި ތަހުގީގުގެ މަސައްކަތްތައް ފަށައި، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ އުޅޭ އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި އޭނާ ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް، ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053އަށް ގުޅައި، މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް