އެއްބަސްވުމުގައި ސޮއިކުރުން
އެއްބަސްވުމުގައި ސޮއިކުރުން
ނ. ކުޑަފަރި އަދި ނ. މާފަރު ސިއްޙީ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

ސިއްޙަތާބެހޭ ވުޒާރާއިން ބުނީ ނ އަތޮޅު ކުޑަފަރީގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ އައު ސިއްޙީ މަރުކަޒާއި، އެ އަތޮޅު މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމަށް، ދެ ކުންފުންޏަކާއި ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން މާފަރު ސިއްޙީ މަރުކަޒުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފައިވާއިރު، ކުޑަފަރީގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، 10.9 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ މާފަރު ސިއްޙީ މަރުކަޒުގެ މަސައްކަތުގައި، 04 އެނދުގެ ވާޑެއް އިތުރު ކުރުމާއި، ޕްރައިވެޓް ރޫމަކާއި، ނާރސް ސްޓޭޝަނަކާއި، މީޓިންގ ހޯލަކާއި، ޕަބްލިކް ހެލްތު ޔުނިޓުގެ އިތުރުން، ޕޯޓިކޯ ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ. އަދި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ.

އޭގެއިތުރުން ކުޑަފަރީގައި ޤާއިމްކުރާ އައު ސިއްޙީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 27.6 މިލިޔަން ރުފިޔާއަށެވެ. އެއްބަސްވުމުގައި ވާގޮތުން މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ކުޑަފަރީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމަށް އެމްޓީސީސީއެކު ވެވުނު އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.



ކިޔުންތެރިންގެ ހިޔާލު