ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާއި އިންވެސްޓްމެންޓް ޓްރީޓީއެއްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހު 25 އިން 26 އަށެވެ.

މި ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިކްރަމް ވިދާޅުވީ، އެ ދަތުރުފުޅުގައި މުހިއްމު ގިނަ ދާއިރާތަކުން މަޝްވަރާތައްކޮށް ގުޅުން ބަދަހި ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ދެގައުމުގެ މެދުގައި އެފްޓީއޭއެއް އެކުލަވާލުމުގެ މަޝްވަރާތަކެއް ކުރަމުންދާއިރު، މަސައްކަތް ކުރަމުންދަނީ މޯދީ ރާއްޖެ ވަޑައިގަތުމުގެ ކުރިން އެފްޓީއޭ ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފްޓީއޭގެ އިތުރުން އިންވެސްޓްމަންޓް ޓްރީޓީއެއް ހަދަންވެސް ދެގައުމުގެ ދެމެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތަ އާއި މަސްވެރިކަމުގެ ދާއިރާ އިން އާއި އުމްރާނީ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިކްރަމް ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރީގެ އިންވެސްޓްމެންޓްގެ އަގު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އާ ދާއިރާތަކުން އިތުރު ވިޔަފާރީގެ މުއާމަލާތްތައް ފެށުމަށް ޕްލޭން ކޮށްފައިވާކަމަށެވެ.

އަދި އިންޑިއާ އިން އިސްނަގައިގެން ހިންގާ މީހުން ބިނާކުރުމާއި ތަމްރީން ޕްރޮގްރާމުތަކުގެ އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ގައުމަކީ ރާއްޖެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ކެޕޭސިޓީ ބިލްޑިން ދާއިރާއިން އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިކްރަމް އިތުރަށް ވިދާޅުވީ މޯދީގެ ދަތުރުފުޅުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ އިތުރު މަޝްރޫއުތައް އިއުލާނު ކުރާނެ ކަމަށެވެ. އަދި މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު