މިނިސްޓަރ އާދަމް ޝަރީފް
މިނިސްޓަރ އާދަމް ޝަރީފް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން އެންމެ ބޮޑަށް ފާހަގަވީ ރައްޔިތުން އެދޭގޮތަށް ކަންކަން ހިންގަން ބާރުއަޅުއްވާަކަން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި މި ދަތުރުފުޅާ ގުޅޭގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ މި ދަތުރުފުޅުގައި ފާހަގަ ކުރެވުނު އެއްކަމަކީ ސަރުކާރުގެ އެކި މުއައްސަސާތަކުން ރަށްރަށުގައި ހިންގުމަަށް ރޭވިފައި ހުރި މަޝްރޫޢުތަކަށް ރައްޔިތުން އެދޭގޮތަށް ބަދަލުގެނެސްދެއްވައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް ބާރު އަޅުއްވާކަން ކަމަށެވެ.

މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން ވެރިކަން ކުރެއްވުމަށް ރައީސް ދެއްވާ އިސްކަން ހާމަވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މި ދަތުރުފުޅުގެ ސަބަބުން ކުރިމަގުގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ރާވައި ހިންގުމުގައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަފުހޫމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިތުރަށް ހިތްވަރު ލިބުނުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމާއި ރައްޔިތުން ބާރުވެރިކަން އިތުރުވާނެކަން ޔަޤީން." މިނިސްޓަރ ވިދާޅުވިއެވެ.



މި ދަތުރުފުޅުގައި ރައީސް ވަނީ ނ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު