ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، މިޒަމާނުގެ ތާރީޚުގެ ތެރެއިން އެޅުނު އެންމެ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި، މީލާދީ ސަނަތުން 1948 ވަނަ އަހަރު އިނގިރޭސި ސަރުކާރާއެކު ވެވުނު ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމާއި، 1965 ވަނަ އަހަރު ސޮއިކުރެވުނު ފުރިހަމަ މިނިވަންކަމުގެ އެއްބަސްވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، 1965 ވަނަ އަހަރު ދިވެހިރާއްޖެ އެކުވެރި ދައުލަތްތަކުގެ (އދ) ގެ މެންބަރު ޤައުމެއްގެ ގޮތުގައި ބައިވެރިވުމަކީވެސް، ދިވެހިރާއްޖޭގެ މިނިވަންކަން ދުނިޔޭގެ މަސްރަޙުގައި ހާމަކޮށްދިނުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ތާރީޚީ ހާދިސާތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް މަގުފަހިކޮށްދިން އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމަށް މަގު ތަނަވަސްކޮށްދިން އެންމެ މުހިންމު ބިންގާތަކެވެ.



1887 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި، އިނގިރޭސިވިލާތުގެ މަޖުބޫރުކުރުވުމުގެ ދަށުން، ދިވެހިރާއްޖޭގެ ރަދުން ލައްވައި ސޮއިކުރުވި ޙިމާޔަތުގެ އެއްބަސްވުމާ ގުޅިގެން، ރަސްމީ ގޮތުން ސިލޯނުގައި ޤާއިމުވެފައިވާ އިނގިރޭސި ސަރުކާރަށް ދިވހިރާއްޖެއިން "ޖިޒީއެއް" ދައްކަމުން ގެންދިޔައެވެ. ނަމަވެސް، މި "ޖިޒީ" އަކީ ޙަޤީޤަތުގައި ދިވެހިން ޒަމާނުއްސުރެ ސިލޯނުގައި ހުންނަ އިނގިރޭސި ސަރުކާރާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން ދެމުން އައި އަހަރީ ވެދުމަކަށް، އިނގިރޭސިން މަކަރާއި ހީލަތުން ކިޔާފައިވާ ނަމެކެވެ. އޭގެ ފަހުން ވެސް ދިވެހީން މިކަމަށް ކިޔަމުން އައީ "ވެދުން" މި ނަމެވެ. މިވެދުމަކީ ދެ ޤައުމެއްގެ ދެމެދުގައި އޮންނަ ގުޅުން ދަމަހައްޓައި، އިޙްތިރާމް ފާޅުކުރުމުގެ ގޮތުން ދީއުޅުނު ރަމްޒީ ހަދިޔާއެކެވެ.

ކޮންމެއަކަސް އިނގިރޭސި ދައުލަތުންވެސް އަދި ސިލޯނު މީހުން ގަބޫލުކުރަމުން އައީ އެއީ ޖިޒީއެއް ކަމަށެވެ. އަދި ސިލޯނު މީހުން ދުށް ގޮތުގައި ދިވެހިންނަކީ އަންޒަމާނުއްސުރެ ސިލޯނަށް ޖިޒީދައްކަމުން އަންނަ ގައުމެކެވެ. އެހެންނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެކެވެ. ސިލޯނުގެ ވެސް އަދި ދިވެހިރާއްޖޭގެ ވެސް ތާރީޚީ އެއްވެސް ލިޔެކިޔުމެއްގައި ނެތް ވާހަކައެކެވެ. އެއްވެސް އިރެއްގައި ދިވެހިރާއްޖެއަކީ ސިލޯނުގެ ޓްރިބިއުޓަރީ ދައުލަތެއް ނޫނެވެ.

ދިވެހިރާއްޖެއިން ސިލޯނަށް ވެދުން ފޮނުވަން ފެށީ އެގައުމުގެ މައްޗަށް ލަންދޭސީން، އާދެ ޑަޗުން ވެރިކަން ކުރަމުން ދިޔަ ދުވަސްވަރުގައެވެ. މިގޮތުން ދިވެހިރާއްޖެއިން ސިލޯނުގެ ޑަޗް ގަވަރުނަރަށް ވެދުން ފޮނުވި ކަމަށް ރިކޯޑު ކުރެވިފައިވާ އެންމެ ކުރީގެ އަހަރަކީ އައްސުލްޠާނު ޝުޖާޢީ މުޙައްމަދު ޢިމާދުއްދީން، އާދެ ބޮޑުރަސްގެފާނުގެ ރަސްކަމުގައި މީލާދީން 1645 ވަނަ އަހަރެވެ. ގުޅުން ބަދަހިކުރުމަށްޓަކައި އަހަރަކު އެއްފަހަރު ފޮނުވަމުން ގެންދިޔަ ވެދުން، ލަންދޭސީން ބަލިކޮށް އިނގިރޭސީން އެގައުމަށް ވެރިވީމާ ވެސް ކުރިޔަށް ދިޔައެވެ. އިނގިރޭސީން ސިލޯނުގެ މައްޗަށް ވެރިވީ މީލާދީން 1796 ގައެވެ.

1940 ގެ އަހަރުތަކުގައި ދިވެހި ސަރުކާރު ހިންގަވަން ހުންނެވި އަތިރީގޭ މުހައްމަދު އަމީން ދީދީއަށް ފެނިވަޑައިގަތީ ވެދުމާއި ޖިޒީގެ އޮޅުން ފިލުއްވައި ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަން ލިބިގެންވާ ދައުލަތަކަށް ހެއްދެވުމަށެވެ. އަދި "ޖިޒީ" ކަމުގައި އެމީހުން ބަލަމުން އައި ވެދުން މުޅީން ކަނޑާލުމަށެވެ. އެގޮތުން އިނގިރޭސީންނާއި ދިވެހީންނާ ދެމެދުގައި އޮތް ހިމާޔަތުގެ އެއްބަސްވުން އައުކުރެވުނެވެ. މިކަމެއް ހިނގާފައިވަނީ 24 އޭޕްރީލް 1948 ގައި މާލޭގައެވެ. އާދެ، މިއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި އެޅިގެން ދިޔަ އެންމެ މުހިއްމު އެއް ފިޔަވަޅެވެ.

އާދެ، އޭގެ އެންމެ ބޮޑު ބޭނުމަކަށްވީ އިނގިރޭސީންނަށްވުރެ ބޮޑަށް ސިލޯނަށް އަރާފައި އޮތް އޮޅުން ފިލުވުމެވެ. އަދި ފަހުން ސިލޯނުން ދިވެހިރާއްޖޭގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު ނުދިނުމެވެ. 4 ފެބްރުއަރީ 1948 ގައި ސިލޯނަށް މިނިވަންކަން ލިބުމަށްފަހު ސިލޯނު ސަރުކާރުން ގަބޫލުކުރީ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ސިލޯނަށް ޖިޒީދައްކަމުން އައި އެގައުމުގެ "ޓްރިބިއުޓަރީ" ދައުލަތެއް ކަމުގައެވެ. މިކަމުގެ ހެތްކަކީ 8 މާޗު 1957 ގައި ސިލޯނުގެ ބޮޑުވަޒީރު ސޮލޮމަން ބަންޑާރަނައިކެ ދިވެހިރާއްޖޭގެ މައްޗަށް ދައުވާކުރައްވާފައިވާކަމެވެ. މި ދައުވާގައި ދިވެހިރާއްޖޭގެ މައްޗަށް ސިލޯނުގެ ސިޔާދަތީ ބާރުވެރިކަން ގެނައުމަށްޓަކައި އިނގިރޭސީންނާއެކު މަޝްވަރާކުރައްވާނެ ކަމަށްވެސް އޭނާ އިޝާރާތްކުރެއްވިއެވެ. މި ވާހަކަ އޭރުގެ ބައެއް ނޫސްތަކުގައި ވެސް ޖެހިއެވެ.

ވީމާ މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި 24 އޭޕްރީލް 1948 ގައި ޖިޒީ ކަނޑާލަން އިނގިރޭސީންނާއެކު ވެވުނު އެއްބަސްވުމަކީ ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި މިޒަމާނުގެ ދުނިޔޭގައި އޮތުމަށްޓަކައި އެޅިގެން ދިޔަ އެންމެ މުހިއްމު އެއް ފިޔަވަޅެކެވެ.

އޭގެ ފަހުން އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައި 26 ޖުލައި 1965، ބޮޑުވަޒީރު އިބްރާހީމް ނާސިރު އިނގިރޭސީންގެ ހިމާޔަތުން ވީއްލިފައިވާ، ހުރިހާ ގޮތަކުންވެސް މިނިވަން މުސްތަގިއްލު ގައުމަކަށް ދިވެހިރާއްޖެ ހެއްދެވި ހެއްދެވުމަކީ ދެން އެޅިގެން ދިޔަ އެންމެ މުހިއްމު ފިޔަވަޅެވެ.

މިނިވަން ގައުމެއްގެ ގޮތުގައި ނުކުތުމަށްފަހު އެ މިނިވަންކަން ދެމިގެންދާނޭ ގޮތް ހެއްދެވުމަށްޓަކައި ދެން އެޅި އެންމެ ބޮޑު ފިޔަވަޅަކީ ދުނިޔޭގެ ހުރިހާ ގައުމެއްހެން ބައިވެރިވެގެން ގައުމުތަކުގެ ސުލްހަޔާއި އެކުވެރިކަމާއި ތަރައްގީއަށްޓަކައި އުފައްދާފައިވާ ބައިނަލްއަގުވާމީ އެންމެ ބޮޑު މުނައްޒަމާ ކަމުގައިވާ އެކުވެރި ދައުލަތްތައް، އާދެ އދ އާ ގުޅުމެވެ. މިގޮތުން މިނިވަންކަމަށް 1 މަސް ފުރުނު 26 އޮގަސްޓު 1965 ގައި ދިވެހިރާއްޖެއިން އދ ގައި ބައިވެރިވުމަށްޓަކައި ބޮޑުވަޒީރު އިބްރާހީމް ނާސިރު ސޮއިކުރައްވާފައިވާ ސިޓީއެއް އދ ގެ ސެކެޓްރީ ޖެނެރަލް އަށް ފޮނުއްވިއެވެ. އަދި އެސިޓީއާއެކު އދ ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެމަތީން މެންބަރު ގައުމުތަކުން އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމައަށް އަދާކުރާނެ ކަމުގެ ލިޔުން ވެސް ހުށައެޅުއްވިއެވެ.

ދިވެހިރާއްޖެއިން އދ ގައި ބައިވެރިވުމަށްޓަކައި އެދި ފޮނުވި ސިޓީއާ ގުޅިގެން 20 ސެޕްޓެންބަރު 1965 ގައި ބޭއްވުނު ސެކިއުރިޓީ ކައުންސިލްގެ 1243 ވަނަ ބައްދަލުވަށް އެކަން އެޖެންޑާކުރެވި އެދުވަހު އެކަމުގެ ބަހުސްތައްކުރިއެވެ. އެދުވަހުގެ އެޖެންޑާގައި ދިވެހިރާއްޖެއަށްވުރެ ތަންކޮޅެއް ބޮޑު އެހެންނަމަވެސް ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރަށް މެންބަރުކަން ދިނުމުގެ މައްސަލަވެސް އޮތެވެ. މިދެންނެވި އިރު އެހާތަނަށް އދ ގެ މެންބަރު ގައުމަކަށް ވާން އެދިފައި އޮތް، ހުރިހާ ގޮތަކުންވެސް އެންމެ ކުޑަ ގައުމަކީ ދިވެހިރާއްޖެއެވެ. އެއީ އާބާދީއާއި ބިމުގެ ގޮތުންނެވެ. ކޮންމެއަކަސް ދިވެހިރާއްޖެ އދ ގައި ބައިވެރިވުމަށްޓަކައި އެދި ހުށައެޅި ހުށައެޅުން ތިން ގައުމަކުން ސްޕޮންސަރކޮށް ގަރާރެއް ހުށައެޅިއެވެ. އެއީ އުރުދުން، މެލޭޝިޔާ އަދި އިނގިރޭސިވިލާތެވެ.

އިނގިރޭސި މަންދޫބު ލޯޑް ކެރެޑަންގެ ވާހަކާގައި ދިވެހިރާއްޖެއަކީ އެއްލައްކަ މީހުންވެސް ހަމަނުވާ، ދުނިޔޭގައި އޭރު ހިނގަމުން ދިޔަ ގިނަ ކަންކަމާވެސް ދުރުގައި އޮތް، ބިމުގެ ގޮތުން ކުޑަކުޑަ ޖަޒީރާ ގައުމަކަށްވީ ނަމަވެސް އދ ގެ މެންބަރު ގައުމަކަށްވާން ދިވެހިރާއްޖެ އެންމެ ރަނގަޅަށް ކުފޫ ހަމަވާކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން ދިވެހީންނަކީ ހުއްރިއްޔަތާއި މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށާއި "ޑިމޮކްރެޓިކް" ހަމަތަކާއެކީ ގާއިމުވެފައި އޮތް ސަރުކާރެއް ލިބިގެންވާ ބައެއް ކަމަށާއި ދިވެހީންގެ ރަސްކަމަކީ ބޯދާ ރަސްކަމެއް ކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އެތަނުގެ ހުރިހާ ރަށެއްގެ ރައްޔިތުން "މިނިވަންކަމާއެކު" ތަމްސީލުކުރެވޭ ބަރުލަމާނެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި 26 ޖުލައި 1965 ގައި އިނގިރޭސިވިލާތައި ދިވެހިރާއްޖެއާ ދެމެދު ކޮޅުނބުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއަކީ އަމިއްލަ ފުރިހަމަ ސިޔާދަތީ ބާރާއި މިނިވަންކަން ލިބިގެންވާ ދައުލަތެއް ކަމަށާއި، ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކު ހުރަހެއް ނެތި ގުޅުން ގާއިމުކުރުމުގެ ހައްގު ލިބިގެންވާ ގައުމެއް ކަމަށް ވިދާޅުވިއެވެ.

ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި އދ ގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ހެދުމާ ބެހޭގޮތުން ކުރި ބަހުސްގައި ބައިވެރިވި އެހެނިހެން ގައުމުތަކުގެ ތެރެިން މެލޭޝިޔާ، ނެދަރލޭންޑް، ފަރަންސޭސިވިލާތް، ބޮލީވިއާ އަދި އުރުގުއާއީގެ މަންދޫބުންވެސް އެކަމަށް ތާއީދުކުރާކަން ބަޔާންކުރިއެވެ.

ބަހުސަށްފަހު 20 ސެޕްޓެންބަރު 1965 ގައި ބޭއްވި ސެކިއުރިޓީ ކައުންސިލްގެ 1243 ވަނަ ބައްދަލުވުމުގައި އަތް ނަގައިގެން ނެގި ވޯޓުން ސެކިއުރިޓީ ކައުންސިލްގެ މެންބަރު ހުރިހާ ގައުމެއްގެ އިއްތިފާގުން ދިވެހިރާއްޖެ އދ ގެ މެންބަރު ގައުމަކަށް ހެދުމަށް ހުށައެޅި ގަރާރު ފާސްވިއެވެ. އެއަށްފަހު 21 ސެޕްޓެންބަރު 1965 ގައި އޮތް އދ ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއަކީ އދ ގެ މެންބަރު ގައުމެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެހިގެން ދިޔައެވެ.

އާދެ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި އެޅިގެން ދިޔަ އެންމެ މުހިއްމު ފިޔަވަޅުތަކުގެ ތެރެއިން އެޅުނު މި ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ މިއަދާ ހަމައަށް ދުނިޔޭގެ އެހެނިހެން މިނިވަން މުސްތަޤިއްލު ގައުމުތަކާއެކު، އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރަމުން އަންނަތާ 60 އަހަރު ވީއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް