އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، މި ޒިޔާރަތުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދުގައިވާ ތާރީހީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މޯދީއަށް މަރުހަބާ ދަންނަވައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަސް އަދި ދިވެހިރާއްޖެ-އިންޑިޔާ ޑިޕްލޮމެޓިކް ގުޅުމުގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، މޯދީގެ މި ޒިޔާރަތަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ހާމަކޮށްދޭ ކަމެއް ކަމުގައެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ މި ޒިޔާރަތުން އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް." ފައްޔާޒު ވިދާޅުވިއެވެ.



މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެެވެ. އެއަށް ފަހު، މެންދުރު ފަހު ވަނީ ރަސްމީ ފާލަން ސަރަހައްދުގައި މޯދީ އަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ މުހިންމު މަޝްވަރާތައް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި މި ދަތުރުފުޅުގައި މޯދީ އެމްޑީޕީގެ ލީޑާޝިޕާ ބައްދަލުކުރައްވާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު