ސޮރީގެ ލީޑު ތަރި އައްޒަ-
ސޮރީގެ ލީޑު ތަރި އައްޒަ-
ދިވެހި ފިލްމު "ސޮރީ" ގެ ވަދާއީ ޝޯތައް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 30 އަދި 31 ގައެވެ.

މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ އެންމެ ފަހުގެ ޑައިރެކްޝަން ކަމަށްވާ "ސޮރީ" އަށް ވަނީ ދިވެހިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ނެރުނީއްސުރެ އޮލިމްޕަހުގައި ދައްކަމުން އައިސްފައިވަނީ ހައުސްފުލްކޮށެވެ.

މި ފިލްމު ބަލާލަން ދިޔަ އެންމެންވެސް ވަނީ ފިލްމަށް ވަރަށް ތައުރީފު ކޮށްފައެވެ. ނަހޫ މިފަހަރުވެސް ގެނެސްދީފައިވަނީ ހަމަ ވަރަށް އަސަރުގަދަ، ލޮލުން ކަރުނަ އޮއްސާލާފަދަ ފިލްމެއް ކަމަށް މި ފިލްމު ބަލަން ދިޔަ އެންމެންވެސް ގަބޫލުކުރެއެވެ.

މި ފިލްމުގެ ވަދާއީ ޝޯތައް މިމަހު 30 އަދި 31 ގައި އަޅުވަން ނިންމުމަކީ ވަރަށް ގިނަ މީހުންނަށް އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ.

"މިއީ ގައިމުވެސް އުފާވެރި ހަބަރެއް. ބޮޑު ސްކްރީނުން ފިލްމު ބަލާލުމަށްޓަކައި މާލެ ނާދެވިފައިތިބި ބައެއް ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ލިބުނީ." ނަހުލާ ބުންޏެވެ.

ކިތަންމެ ގިނަ ޝޯތަކެއް ދެއްކިފައިވިޔަސް ފިލްމުގެ ހައުސްފުލް ޝޯތަކެއް ދައްކަނިކޮށް ފިލްމު ސްކްރީނުން ނަގަން ޖެހުމަކީ ބަލަން ބޭނުން އިތުރު ބައެއް ތިބެ، އެމީހުންނަށް ފުރުސަތު ނުލިބުން ކަަމަށް ނަހުލާ ވަނީ ބުނެފައެވެ.

އަނެއްކާވެސް ދެ ދުވަސް ނަހޫ އަށް އިތުރުކޮށްދެއްވާފައިވާތީ މިނިސްޓަރ އަޝްވާޑް އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް ނަހުލާ ވަނީ ބުނެފައެވެ.

"މިހާރު 3 ފަހަރަށް އޮލިމްޕަސް ޑޭޓް އިތުރުކޮށްދެއްވީ އެ. ކިތައްމެ ވަރަކަށް މީހުން ބަލަން ތިއްބަސް ޑޭޓް އިތުރު ނުވިނަމަ މި ރިކޯޑެއް ނެހެދޭނެ." ނަހުލާ ރަސް އަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.

އަތޮޅުތެރޭގައިވެސް ގިނަ ބަޔަކު ބަލާ ރިކޯޑު ހަދަމުން އަންނަ "ސޮރީ" މާލޭގެ ބޮޑު ސްކްރީނުން މި ޗުއްޓީގައި 2 ވަނަ ފަހަރަށް ބަލާލަން ބޭނުންވެފައި އެތައްބަޔަކު ތިބިކަން ފާހަގަކޮށް ނަހުލާ ބުނީ މިހާރު އެ ފުރުސަތު ލިބިފައިވާތީ އުފާކުރާ ކަމަށެވެ.

އަތޮޅުތެރޭގެ ސްކޫލުތައް މިހާރު ނުލިބޭތީ، އަތޮޅުތެރޭގެ މީހުން ފިލްމު ބަލަން ޖެހެނީ ވަރަށް ހާލުގައި ކަމަށް ނަހުލާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެބަޔަކަށް ބެލުނު ގޮތަކަށް ބަލައި ގިނަ ރަށްތަކުގައި ރިކޯޑު އަދަދަކަށް މީހުން މި ފިލްމު ބަލާފައި ވާކަން ނަހުލާ ފާހަގަކުރިއެވެ.

މެންދުރުފަހާއި ރޭގަނޑު ދަންވަރުގެ ޝޯތައްވެސް ރަށްރަށުގައި އަޅުވާފައިވާކަން ފާހަގަކޮށް ނަހުލާ ބުނީ އެކަމަށްޓަކައި ހުރިހާ ރައްޔިތުންނަށް ލޯތްބާއެކު ޝުކުރު އަދާ ކުރާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު