އާރްޓީއެލް ލޯގޯގައި ހިމެނޭ ކުލަތައް ރަމްޒުކޮށްދެނީ ރާއްޖޭގައި ދަތުރުފަތުރު ކުރުމަށް ބޭނުން ކުރާ ތިން ގޮތް ކަމަށް ކުރީގެ ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ އާރްޓީއެލް ލޯގޯގައި ހިމެނޭ ރީނދޫކުލަ ބަދަލުކޮށް، އޭގެބަދަލުގައި އަޅި ކުލަ ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ.

މިގޮތަށް ލޯގޯގެ ކުލަ ބަދަލުކުރިކަން އެނގުނީ އިއްޔެ ބ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށިކަން ހާމަކޮށް ސަރުކާރުގެ ތަރުޖަމާނު ހިނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓުންނެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަސްލަމް ވިދާޅުވީ އާރްޓީއެލް ލޯގޯގައި ހުރި ކުލަތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ގޮތަށް ބޭނުންކޮށްފައިވާ ކުލަތަކެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އާރުޓީއެލް ލޯގޯގައި ހިމެނޭ ތިން ކުލައިން ވެސް ރަމްޒު ކޮށްދެނީ ރާއްޖޭގައި ދަތުރު ފަތުރުކުރުމަށް ބޭނުންކުރަމުން އަންނަ ތިން ގޮތްކަމަށެވެ.

އެގޮތުން ރީނދޫ ކުލައިން ރަމްޒު ކޮށްދެނީ އެއްގަމު ދަތުރުފަތުރު ކަމަށާއި، މަޑު ނޫ ކުލައިން ރަމްޒު ކޮށްދެނީ ވައިގެ ދަތުރުފަތުރު ކަމަށާއި، އަދި އޭގައި ހިމެނޭ ގަދަ ނޫ ކުލައިން ރަމްޒު ކޮށްދެނީ ކަނޑަ ދަތުރުފަތުރު ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެ ލޯގޯގައި ވަނީ މާނައެއް ނެތް ރޮނގުތަކަކާއި ކުލަތަކެއް ނޫން." އަސްލަމް ވިދާޅުވިއެވެ.

އަދި މިއީ ވަރަށް ވިސްނައިގެން ތައްޔާރުކޮށްފައިވާ މާނަފުން ލޯގޯއެއް ކަމަށް އޭނާ ވިދާޅުވިއެވެ.



އާރުޓީއެލްގެ ލޯގޯގައި ހިމެނޭ ރީނދޫ ކުލަޔަށް ބަދަލު ގެނައީ ކީއްވެގެންކަމެއް ޓްރާންސްޕޯޓް މިނިސްޓްރީއަކުންވެސް އަދި އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީއަކުންވެސް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު