އެމްޑީޕީގެ ޕްރެސްއެއްގެ ތެރެއިން
އެމްޑީޕީގެ ޕްރެސްއެއްގެ ތެރެއިން
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް އެއްފަހަރާ 3.6 މިލިއަން ރުފިޔާ ދެއްކުމަށް އިދިކޮޅު އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ މައްސަލައެކެވެ.

އެފައިސާ ދެއްކުމުގެ ގޮތުން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ސެޓްލްމެންޓް އެއްބަސްވުމެއް ހެދިއެވެ. އެ އެއްބަސްވުމުގައި ވަނީ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން އެފައިސާ ދައްކާ ނިންމަންށެވެ.

އެހެންނަމަވެސް އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން އެ ހުރިހާ ފައިސާ އެއްފަހަރާ ހޯދަން އެދި ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްވައި ވަނީ އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށެވެ.

އަދި ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށްވެސް ހުކުމްގައިވެއެވެ.

އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، އެމްޑީޕީން ނުދައްކާ އޮތް 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން ސިވިލް ކޯޓުން ވަނީ އެމްޑީޕީއަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް